Advertisement

ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ދެ ސްކީމެއް ހިންގަން ނިންމާފައިވާ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2025 - 16:29 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް އޮފީހުގެ ބައްދަލުވުމެއްގައި މުއްތަލިބު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ދެ ސްކީމެއް ހިންގަން ނިންމާފައިވާ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ

12 އޮކްޓޯބަރު 2025 - 16:29 2

ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ފްލެޓުތަކެއް އެޅުމާއި ޑިވެލޮޕަރުންނަށް ސަރުކާރުން ބިން ދީގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށްގެން ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި އަމިއްލަ ކުރެވޭ ގޮތަށް 3000 ފްލެޓު އެޅުމުގެ މަސައްކަތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އޭގެތެރެއިން ތިން ކޮޓަރީގެ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ ދަށް އަގެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

އެ ފްލެޓުތައް އަޅަން ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ. ފްލެޓުތައް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ހަދަންޖެހޭ އުސޫލުތައް ހެދުމުގެ މަސައްކަތް އެމްއެމްއޭ އާއެކު ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އެމްއެމްއޭއާ ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ މިކަމަށް ބޭނުންވާ ރެގިއުލޭޝަން ހަދައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުން، ރައީސުލްޖުމްހޫރިއްޔާ ވަރަށް ފަހުން އިއުލާނު ކުރައްވާފައިވާ 3000 ފްލެޓުގެ މަސައްކަތް މި އަހަރު ފެށްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" މުއްތަލިބު ވިދާޅުވި އެވެ.

ދެވަނަ ސްކީމަކީ ސަރުކާރުން ބިން ދީގެން ސަރުކާރުން ކަނޑައަޅާ އަގެއްގައި ޑިވެލޮޕަރުން އަމިއްލައަށް ފްލެޓުތައް ޑިވެލޮޕްކޮށް ވިއްކުމުގެ ފުރުސަތު ދިނުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެ ސްކީމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ޑިވެލޮޕަރުންނަށާއި އެ ތަންތަނުން އެޕާޓްމެންޓު ގަންނަ މީހުންނަށް ވެސް ލުއި ގޮތްތައް ސަރުކާރުން ހޯދައިދޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"މި ގޮތަށް އިމާރާތް ކުރެވޭ ތަންތަން ވެސް ގަތުމުގެ ފުރުސަތު އޮންނާނީ ފަސްޓް ޓައިމް ހޯމް ބަޔާސް އަށް [ފުރަތަމަ ބޯހިޔާވަހިކަން ގަންނަ ފަރާތްތަކަށް] އަގު ހުންނާނީ މިހާރު މާކެޓުގައި ލިބެން ހުރި އަގުތަކަށްވުރެ ވަރަށް ބޮޑުތަން ކުޑަކޮށް،" މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާކެޓުގައި ތިން ކޮޓަރީގެ އެޕާޓުމެންޓެއްގެ އަގު މިހާރު އުޅެނީ ހަތަރު މިލިއަނެއްހާ ރުފިޔާއަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސްކީމުގެ ދަށުން އިމާރާތް ކުރާ ތަންތަނުން ތިން ކޮޓަރީގެ އެޕާޓުމެންޓެއް ވިއްކާނީ ދެ މިލިއަން ނުވަތަ އެއަށްވުރެ ވެސް ކުޑަ ކުރެވޭނަމަ ކުޑަކޮށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ގަންނަ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ، މިސާލަކަށް ޖީއެސްޓީ ދައްކަން ނުޖެހުން ކަހަލަ، އަދި ޑިވެލޮޕް ކުރާ ފަރާތްތަކަށް ޑިއުޓީ އެގްސެމްޕްޝަން ކަހަލަ އިތުރު އިނާޔަތްތައް ލިބިގެންދާނެ ވީހާވެސް ބޮޑަކަށް މި ދަންނަވާ ފްލެޓުތަކުގެ އަގު ކުޑަ ކުރުމަށްޓަކައި،" މުއްތަލިބު ވިދާޅުވި އެވެ.

އޭގެއިތުރުން ފްލެޓުތައް ގަންނަ ފަރާތްތަކަށް އެކަން އިތުރަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މޯގޭޖް ސްކީމެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. އެ މޯގޭޖް ސްކީމް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އެމްއެމްއޭއާއެކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.