12 އޮކްޓޯބަރު 2025 - 16:04 2
މުހައްމަދު ޝަހްޒާން
މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހައުސިން މިނިސްޓަރު، މުއްތަލިބު އެ ސަރަހައްދުގައި -- ފޮޓޯ: މިރާން ނާޝިމް / އަދަދު
12 އޮކްޓޯބަރު 2025 - 16:04 2
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ބައެއް ގޯތިތައް ރަސްމާލެ، އުތުރު ތިލަފަޅު ނުވަތަ ގުޅީފަޅުގެ ފުން ސަރަހައްދަށް ބަދަލުވެދާނެ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިދިޔަ ސަރުކާރުން ގިރާވަރުން 5186 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. އޭގެތެރެއިން 1114 ގޯތި މި ސަރުކާރުން ވަނީ ގުޅީފަޅަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން ގިރާވަރުން ދޫކުރަން ޖެހޭ ގޯތީގެ އަދަދަކީ 4072 އެވެ.
ނަމަވެސް މި ސަރުކާރުން އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުން ދޫކުރެވެނީ 3462 ގޯތި ކަމަށާއި ބާކީ 610 ގޯތި ގިރާވަރު ފަޅުން ދެވޭނެ ގޮތެއް ނެތް ކަމަށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވި އެވެ.
"ގިރާވަރުން އަޅުގަނޑުމެންނަށް މި ދެވެނީ 3462 ގޯއްޗަށް ވާތީ އަދި ބާކީވާ ގޯތި ކޮންމެވެސް އެހެން ތަނަކަށް ބަދަލު ކުރަންޖެހޭތީ އަޅުގަނޑުމެން އެކަމާމެދު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން، އެއީ ޔޫޓީއެފްއަށް ގެންދާނީތޯ ގުޅީފަޅުގެ ފުންތަން ހިއްކައިގެން ބަދަލު ކުރާނީތޯ ނޫނީ ރަސްމާލެއަށް ބަދަލު ކުރާނީތޯ، އެ ޖެހޭނީ ދެން އަޅުގަނޑުމެން ގޮތެއް ނިންމަން،" މުއްތަލިބު ވިދާޅުވި އެވެ.
ގިރާވަރުން ދޫކުރި ބައެއް ގޯތިތައް އެހެން ސަރަހައްދަަކަށް ބަދަލު ކުރަންޖެހިދާނެ ކަމަށް ސަރުކާރުން ބުނިއިރު، އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އޮތީ މަޑުޖެހިފަ އެވެ. މުއްތަލިބު ވިދާޅުވީ ގިރާވަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް ކަމާ ގުޅުންހުރި އިދާރާތަކުން ކުންފުނިތަކާއެކު ކުރަމުންދާ ކަމަށެވެ.
ގިރާވަރުން ދޫކުރި ބައެއް ގޯތިތައް ޖާގަ ނެތް ކަމަށް ބުނެ އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެ ކަމަށް ސަރުކާރުން ބުނާއިރު، ގިރާވަރުފަޅުގައި ފްލެޓު އަޅަން ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފްލެޓު އަޅަނީ ގިރާވަރުފަޅުން އިތުރަށް ހިއްކާ ބައެއްގައި ކަމަށް ސަރުކާރުން ބުނެ އެވެ.
ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެތައް ފަހަރަކު ވައުދުވެވަޑައިގެންނެވި އެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް ރައީސް އެ ވައުދުވެވަޑައިގަތެވެ.
"އަޅުގަނޑު މި ވައުދުވީ، ނުހިއްކާ އޮތް ތަނުން ވެސް، ފަޅު ތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނީއްޔާމު އެ ފްލެޓެއް ދޭން ނިންމި ތަނަކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑު ވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މި ތިބީ. އިރާދަކުރެއްވިއްޔާ އެ ވައުދު ހަމަ އެ ގޮތަށް ފުއްދައިދޭނަން،" މިދިޔަ އަހަރުގެ އޭޕްރިލް 6، ގައި މުއިއްޒު ވިދާޅުވި އެވެ.
Comment