Advertisement

މުއިއްޒު ކުރާ ދަތުރުތަކުގެ ހަރަދު ހާމަކުރަން އިތުރު މުއްދަތު ބޭނުންވާ ކަމަށް ރައީސް އޮފީހުން ބުނެފި

12 އޮކްޓޯބަރު 2025 - 10:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


މުއިއްޒު ކުރާ ދަތުރުތަކުގެ ހަރަދު ހާމަކުރަން އިތުރު މުއްދަތު ބޭނުންވާ ކަމަށް ރައީސް އޮފީހުން ބުނެފި

12 އޮކްޓޯބަރު 2025 - 10:48 0

ރައީސް މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކަށް ހިނގާ ހަރަދު ހާމަ ކުރުން ސަރުކާރުން ހުއްޓާލުމާ ގުޅިގެން އެ ހަރަދުތަކުގެ ތަފުސީލަށް އެދުމުން، ހަރަދުތައް ހާމަކުރަން އިތުރު މުއްދަތު ބޭނުންވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރަން ފެށީ މުއިއްޒުގެ އިސްނެންގެވުމަށެވެ. ދަތުރުތަކުގެ ހަރަދު، ދަތުރު ނިމުމުގެ 15 ދުވަސް ވުމުގެ ކުރިން އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޑިސެމްބަރު 2، 2023 ގަ އެވެ.

ނަމަވެސް، އެ ނިންމުމުގެ ދަށުން ރައީސް އޮފީހުން އެންމެ ފަހުން ހާމަކުރީ އޭޕްރީލް މަހު އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގެ ހަރަދެވެ. އެ ފަހުން ކުރި ދަތުރުތަކުގެ ހަރަދު ހާމަނުކުރާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހަރަދުތަކުގެ ތަފުސީލަށް އެދުނީ ސެޕްޓެމްބަރު 21، ގަ އެވެ.

ގާނޫނުގެ ދަށުން ރައީސް އޮފީހުން ޖަވާބު ދޭން ޖެހޭ 21 ދުވަހުގެ މުއްދަތު ހަމަވީ މިއަދަށެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ރައީސް އޮފީހުން ވަނީ ގާނޫނު ލިބޭ މުއްދަތު އިތުރުކުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައީސް އޮފީހަށް ޖަވާބު ދޭން އިތުރަށް ލިބޭނީ 14 ދުވަހެވެ.

އިތުރު މުއްދަތު ބޭނުންވާ ކަމަށް ބުނެ ރައީސް އޮފީހުން ފޮނުވި މެއިލްގައި ބުނެފައިވަނީ މި އާރުޓީއައި އަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަރަދު ހާމަނުކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ އެވެ.

މެލޭޝިއާއަށް މުއިއްޒު ކުރެއްވި ދަތުރު ނިންމާލި ފަހުން 165 ދުވަސް ވެއްޖެ އެވެ. ސިންގަޕޫރު ދަތުރަށް 102 ދުވަސް ފާއިތުވިއިރު، މުއިއްޒު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވި ފަހުން 85 ދުވަސް ވެއްޖެ އެވެ. އަދި، ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވި ފަހުން 38 ދުވަސް ވެއްޖެ އެވެ. މިއިން އެއްވެސް ދަތުރެއްގެ ހަރަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ

މި އަހަރު ތެރޭގައި މުއިއްޒު ވަނީ ހަ ދަތުރެއް ކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުރާއި ސިންގަޕޫރު، މެލޭޝިއާ، ޗައިނާ، އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރެވެ. މީގެތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާވެސް އެކުގަ އެވެ.

މުއިއްޒުގެ އިތުރުން ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.