12 އޮކްޓޯބަރު 2025 - 10:26 1
އަހުމަދު އާއިދު
ކޮމިޝަނާ އޮފް ޕޮލިސް ނަވީން (ވ އިން ދެވަނަ) އަދި ފުލުހުންގެ އިސްވެރިން ބައްދަލުވުމެއްގެ ތެރެއިން: ޝިމަންގެ ފޯނުން ފޮޓޯ ލީކުކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ ---- ފޮޓޯ: ފުލުހުން
12 އޮކްޓޯބަރު 2025 - 10:26 1
ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި، އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލީ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީހެވެ.
ޝިމަންގެ ގާނޫނީ ވަކީލުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ޝިމަންގެ ފަރާތުން އެންއައިސީ އަށް މި މައްސަލަ ހުށަހެޅީ ހުކުރު ދުވަހެވެ. އަދި، މަޖިލީހަށް މިހާރު މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.
އެންއައިސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ފުލުހުން ޝިމަންގެ ފޮޓޯ ލީކުކޮށްލީ އޭނާގެ އަގުވައްޓާލައި ގާނޫނުއަސާސީން ރައްކާތެރިކޮށްދޭ ޒާތީ ދިރިއުޅުމުގެ ހައްގާއި އަބުރު ރައްކާތެރިކަމުގެ ހައްގަށް އަރައިގަތުމަށްފަހު ކަމަށެވެ. ފުލުހުން ލީކުކޮށްލީ ޝިމަންގެ ބަރަހަނާ ފޮޓޯއެއް ކަމަށް ވެސް މައްސަލަ ހުށަހެޅި ފޯމުގައި ބުނެފައިވެ އެވެ.
ޝިމަންގެ ފޮޓޯ ލީކުކޮށްލީ ފުލުހުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގެއް ކަމަށް ފުލުހުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.
"މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވާނީ ފުރިހަމައަށް ކަށަވަރުކުރެވިފަ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ނޫހާ ވާހަކަ ދައްކަމުން ޝިމަން ބުނީ ލީކު ކޮށްލި ފޮޓޯ އަކީ އެހެން އެއްވެސް ތާކު ހުންނާނެ އެއްޗެއް ނޫން ކަމަށެވެ.
"އެއީ ފޯނުގައި އެކަނި ހުރި މައުލޫމާތެއް. އެއީ އެހެން އެއްވެސް ތަނެއްގައި ހުންނާނެ އެއްޗެއް ނޫން. އެއީ އެހެން އެއްވެސް ތާކު ހުންނާނެ ފޮޓޯއެއް ނޫން. ފުލުހުން ފޯނު ނަގައިގެން ކޮންފިސްޓިކޭޓުކޮށްގެން ގެންދިޔަ ފަހުން، 24 ގަޑިއިރު ވެސް ނުވަނީސް އެ އެއްޗެހި ލީކްވިކަމަށް ފެންނަނީ. އެއީ އިތުރު އެއްވެސް ތަނެއްގައި ހުންނާނެ އިންފޮމޭޝަނެއް ނޫން އެއީކީއެއް،" ޝިމަން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment