12 އޮކްޓޯބަރު 2025 - 07:54 0
12 އޮކްޓޯބަރު 2025 - 07:54 0
ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 12) - ދުނިޔޭގެ ރޭންކިން 204 ވަނައިގައި އޮތް ވަލެންޓިން ވަޝެރޯ، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް ބަލިކޮށް ޝަންހާއީ މާސްޓާސްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޖޮކޮވިޗް އަތުން 6-3، 6-4 އިން މޮޅުވި، ވަޝެރޯ އަކީ، އޭޓީޕީ މާސްޓާސް 1000 މުބާރާތެއްގެ ފައިނަލުގައި ވާދަކުރާނެ ރޭންކިން އެންމެ ދަށް ކުޅުންތެރިޔާ އެވެ. ފައިނަލުގައި، ވަޝެރޯ ނުކުންނާނީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް ފްރާންސްގެ އާތޫރު ރިންޑާކްނެކްއާ ދެކޮޅަށެވެ.
ސެމީ ފައިނަލުގައި ޖޮކޮވިޗް އަތުން މޮޅުވި މެޗަށް ފަހު، އުމުުރުން 26 އަހަރުގެ ވަޝެރޯ ބުނީ، މެޗުގެ ނަތީޖާ އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.
"ކޯޓުގެ އަނެއް ފަރާތުގައި ޖޮކޮވިޗް ހުރެފައި އޭނައާ ދެކޮޅަށް ކުޅެލުމަކީ ވެސް އަހަންނަށް ލިބޭ އަގުނުކުރެވޭ ފަދަ ތަޖުރިބާއެއް. މި ވަގުތު އަހަންނަށް ކުރެވޭ އިހުސާސްތައް އެތައް ސަތޭކަ ގުނައެއް އިތުރު،" ވަޝެރޯ ބުންޏެވެ.
ޖޮކޮވިޗާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވަޝެރޯ
އުމުރުން 38 އަހަރުގެ ޖޮކޮވިޗަށް މި އަހަރުގެ ގިނަ މުބާާރާތްތަކެއްގައި އަނިޔާގެ އެކިއެކި ކަންކަން ދިމާވި އެވެ. އެ ގޮތުން، ޝަންހާއީ މާސްޓާސްގައި، ޗައިނާގެ ހޫނު މިނާއި ވައިގެ ތެތްކަަމުގެ އަސަރު ޖޮކޮވިޗަށް ކޮން، މެޗުތަކުގައި އޭނާގެ ކިބައިން ބަލީގެ އަސަރުތައް ވެސް ފެނިގެންދިޔަ އެވެ. އެ ގޮތުން، ބައެއް މެޗުތައް ނިންމާފައި ހޮޑުލައިފައި ވެސް ވެ އެވެ. އަދި، ވަޝެރޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ޖޮކޮވިޗަށް ގިނަ ފަހަރުތަކެއް މަތިން މެޑިކަލް އެހީ ވެސް ބޭނުންވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް، ވަޝެރޯ ހޯދި ކާމިޔާބީ އަށް މަރުހަބާ ކިޔަންޖެހޭ،" ޖޮކޮވިޗް ބުންޏެވެ.
ޝަންހާއީ މާސްޓާސްގެ ފައިނަލާ ހަމައަށް ކުރި ދަތުރާ އެކު، ވަޝެރޯ އަށް ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރެއަށް ވަދެވޭނެ އެވެ.
Comment