11 އޮކްޓޯބަރު 2025 - 17:22 0
އަހުމަދު އާއިދު
މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސް މުއިއްޒު އާއެކު: އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ނިޒާމު ތައާރަފުކުރުން މަޖިލީހުން އަންނަ އަހަރަށް ވަނީ ފަސްކޮށްފަ --- ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރު 2025 - 17:22 0
ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި އެކުލަވާލާ ޕެޓިޝަންތައް އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ގޮތަށް ފަރުމާކުރަމުންދާ އޮންލައިން ޕެޓިޝަން ނިޒާމު ތައާރަފުކުރުން ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނިޒާމު ތައާރަފުކޮށް މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަން މީގެ ކުރިން ނިންމާފައި އޮތީ މި މަހުގެ ތެރޭގަ އެވެ. އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނެ ގޮތެއް މިހާރު ނޯވެ އެވެ.
މިކަމާ ގުޅިގެން އަދަދު ނޫހުން ސުވާލުކުރުމުން މަޖިލީހުގެ މީޑިއާ އޮފިސަރު، އަހުމަދު މާން އައްސަދު ވިދާޅުވީ އޮންލައިން ޕެޓިޝަން ނިޒާމު ތައާރަފުކުރުން ފަސްކޮށްފައިވަނީ ޕައިލެޓް ޓެސްޓިން ބޭނުންވާތީ ކަމަށެވެ. މަޖިލީހުން އެ ނިޒާމު ދެން ތައާރަފުކުރާނީ އަންނަ ފެބްރުއަރީ މަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާއިން އެހެން މައުލޫމާތު ދިން ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮންލައިން ޕެޓިޝަން ނިޒާމު ތައާރަފުކުރުން ފަސްކުރީ މިވަގުތު މަޖިލީހަށާއި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް ގިނަވުމުގެ ސަބަބުންނެވެ.
މި ފަހުން މަޖިލީހުގެ މެންބަރުންނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ މެންބަރުންގެ މާލީ ބަޔާންތަކާ ގުޅިގެންނެވެ. އަދި މިނިވަން މީޑިއާ ނެތިކޮށްލަން މަޖިލީހުން ފާސްކޮށް މިހާރު ގާނޫނަކަށް ހަދާފައިވާ ބިލާ ގުޅިގެން މެންބަރުން ދެއްކި ވާހަތަކާއި ކުރެއްވި ކަންކަމުގެ ސަބަބުން ވެސް ގިނަ ބަޔަކު މަޖިލީހަށް ދަނީ ފާޑުކިޔަމުންނެވެ.
މީގެ އިތުރުން، ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކާއި ސިޔާސީ ބަދަލު ހިފުމަށް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ އެކި ކަންކަމާއި ގުޅުވާ އާންމުންނާއި ސިޔާސީން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން، ގާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކާއި ފުލުހުންގެ އަމަލުތަކާއި ވެރިކަމުގެ ނިޒާމަށް ގިނަ ބަޔަކު ވޭތުވެދިޔަ މަސްތަކުގެ ތެރޭ ގިނަ ފާޑުކިޔުންތަކެއް ހިއްސާކޮށްފައިވެ އެވެ. މީގެތެރެއިން، ގިނަ ފާޑުކިޔުންތައް އާންމުން ހިއްސާކުރަމުން ދަނީ ސޯޝަލް މީޑިއާގަ އެވެ.
Comment