10 އޮކްޓޯބަރު 2025 - 08:26 1
އަހުމަދު އާއިދު
ރައީސް މުހައްމަދު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު ނަވީން-- ފޮޓޯ: ރައީސް އޮފީސް
10 އޮކްޓޯބަރު 2025 - 08:26 1
ސިޔާސީ ހަރަކާތްތެރިންނާ ދެކޮޅަށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އަނިޔާވެރި ހަރުކަށި ފިޔަވަޅު ސަރުކާރުން އަޅަން ފެށުމަކީ "އިންތިހާއަށް ކަންބޮޑުވާ ކަމެއް" ކަމަށާއި، އެފަދަ އަމަލުތަކުން އެނގިގެން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއިދު ނުލިބޭނެތީވެ ގޮތް ހުސްވަމުން ދިޔުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އޮކްޓޯބަރު 3 ގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ފޯނު ފުލުހުން ޖަހައިގަނެ، އަދި އެ ޕާޓީގެ ބައެއް އިސްވެރިން އޭސީސީއަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނިކޮށް، އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން ރައްޔިތުން ނުކުތީ، މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެ ސަރުކާރުން ތަންފީޒުކުރަމުންދާ ދެކޮޅުނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ ނޭދެވޭ އަސަރުގެ ސަބަބުން ކަމަށެވެ.
"ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމާއި އެކިގޮތްތަށް ޝުޢޫރު ފާޅުކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ގާނޫނު އަސާސީގެ ރޫހާ ހިލާފު އަނިޔާވެރި ހަރުކަށި ފިޔަވަޅުއަޅަން ސަރުކާރުން ފަށައިފައިވުމަކީ އަދާލަތު ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ،" ބަޔާނުގައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ތަހުގީގު އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގެ ނާޖާއިޒު ބޭނުން ހިފައިގެން އާންމު ރައްޔިތުންގެ އަސާސީ މިނިވަންކަމަށާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ސަރުކާރުން ވަނުމާއި ވަޒީފާގެ ބިރު ދައްކައިގެން ވާދަވެރި ސިޔާސީ ހަރަކާތް މައިތިރި ކުރަން އުޅޭކަމީ ސަރުކާރަށް ގޮތް ހުސްވަމުންދާ ކަން ދަލީލުކޮށްދޭ ކަމެކެވެ."
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އޭސީސީން ޗިޓު ފޮނުވާފައި ވާއިރު، އެއްވެސް މީހެއްގެ ނަން ނުގެނެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރާ ވާދަވެރި ސިޔާސީ ލީޑަރުންނަށް ބިރު ދައްކަން ފަށައިފައިވުމުން ދޭހަކޮށްދޭ ކަމަކީ މިނިވަން އިންސާފުވެރި އިންތިހާބަކުން މުއިއްޒަށް ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ނުލިބޭނެކަން އެމަނިކުފާނު ވެސް ގަބޫލުކުރެއްވުން ކަމަށެވެ.
"ރައްޔިތުން ހަވާލުކުރި އަމާނާތާމެދު ގަދަކީރިތިވަންތަ މާތް اللهގެ ކިބަފުޅަށް ބިރުވެތިވުމާއެކު އަދުލު އިންސާފުގެ ތަރާދުން އެއްކިބާ ނުވުމަށް ޑރ މުއިއްޒަށާއި ދައުލަތުގެ މަގާމުތަކުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. އަދި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށް ރައްޔިތުންގެ މައްޗަށް ބޭއިންސާފުވުމަކީ އެކަލާނގެ ގަދަފަދަ އުގޫބާތް ކަނޑައަޅުއްވާފައިވާ ކަމެއްކަންވެސް ހަނދާންކޮށްދެމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވުމާއި ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ މަގާމުތަކުގައި ވަޒީފާގައި ތިބި ފަރާތްތަކަށް އަދާލަތު ޕާޓީން ވަނީ ގޮވާލައިފަ އެވެ.
ފައްޔާޒު އާއި އަމީރު އޭސީސީއަށް ހާޒިރުކުރަނީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓު އިންޖިނިއަރިންއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޕްރޮޖެކްޓުތަކެއް ހަވާލުކުރި މައްސަލައިގަ އެވެ.
ފައްޔާޒު އަށް ޗިޓް ފޮނުވި ހަބަރުތައް ފެތުރެން ފެށުމާއެކު، ބަދަލުގެ ކަންކަން ގޮތް ހިނގައި ދިޔަ ގޮތް ސައުދުﷲ ފޭސްބުކްގައި ލިޔުއްވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި، ބަދަލުގެ ގޮތުގައި ޕްރޮޖެކްޓުތައް ދޭން ނިންމީ، ބޭނުން ވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ހިޔާރުކުރަން ދިނުމުން، ޕްރޮޖެކްޓުތައް ނަގަން އިހުތިޔާރުކުރުމުންނެވެ. ސްވިފްޓުން ހުށަހެޅީ ވަކިކުރި ޕްރޮޖެކްޓުތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ އަގަށް ފެތޭ ގޮތަށް ޕްރޮޖެކްޓުތައް ދިނުމަށެވެ.
ސްވިފްޓުގެ މި ހުށަހެޅުމުގެ ދަށުން، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދޭ ކަަމަށް ސައުދުﷲ ވިދާޅުވި އެވެ. އަދި ހަތަރު ޕްރޮޖެކްޓެއްގެ ބަދަލުގެ ގޮތުގައި އެ ޕްރޮޖެކްޓުތަކުގެ އަގާ އެއްވަރު ފަސް ޕްރޮޖެކްޓު ދިންއިރު، ހުއްޓުވާލި ދެ ޕްރޮޖެކްޓުގެ ބަދަލުގައި އެއްވެސް އެއްޗެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސްވިފްޓްއާ ހަވާލުކުރި ސްކޫލްތައް އިމާރާތްކުރުމުގެ އެ މަޝްރޫއުތައް އަތުލީ، އޭނާ ޔާމީނާ ދެކޮޅުވުމުންނެވެ. ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް މުއިއްޒު އެވެ.
އޭސީސީން ފޮނުވި ޗިޓުގައި ވަނީ ފައްޔާޒު ހާޒިރުކުރަނީ ސްވިފްޓުއަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވީތީ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.
ނަމަވެސް ސައުދުﷲ ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވަނީ ފައިދާ ކަމަށާއި އޭނާގެ ކުންފުނިން ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ދޭން ޖެހުނީސް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment