Advertisement

ސައުދުﷲ ވިދާޅުވާ ގޮތުން ކުރީ ސަރުކާރުން ސްވިފްޓަށް ދިނީ ހައްގު ބަދަލެއް، ދައުލަތަށް ވީ ފައިދާ

9 އޮކްޓޯބަރު 2025 - 19:35 0

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކޯޓަށް ގޮސްގެން ބަދަލު ދޭން ޖެހުނު ނަމަ ސްވިފްޓަށް މާ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސައުދުﷲ ވިދާޅުވާ ގޮތުން ކުރީ ސަރުކާރުން ސްވިފްޓަށް ދިނީ ހައްގު ބަދަލެއް، ދައުލަތަށް ވީ ފައިދާ

9 އޮކްޓޯބަރު 2025 - 19:35 0

ސްވިފްޓް އިންޖިނިއަރިންއަށް ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމުމުން، އެއީ ހައްގު ބަދަލެއް ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ގެއްލުމެއް ވުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށް ބުނެ އެ ނިންމުން ދިފާއުކުރައްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވާހަކަ ދައްކަވައިފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސައުދުﷲ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ހާޒިރުކުރަނީ ސްވިފްޓަށް ދިން ބަދަލުގެ މައްސަލައިގައި ކަމަށް އަދަދު އިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

މިކަން ހިނގައިދިޔަ ގޮތް ކިޔައި ދެއްވަމުން ސައުދުﷲ ވިދާޅުވީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް ވަކިކުރި ޕްރޮޖެކްޓުތަކުގެ ގެއްލުމުގެ ބަދަލުގައި ދިން ޕްރޮޖެކްޓުތަކެއް ކަމަށެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި، ބަދަލުގެ ގޮތުގައި ޕްރޮޖެކްޓުތައް ދޭން ނިންމީ، ބޭނުން ވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ހިޔާރުކުރަން ދިނުމުން، ޕްރޮޖެކްޓުތައް ނަގަން އިހުތިޔާރުކުރުމުންނެވެ. ސްވިފްޓުން ހުށަހެޅީ ވަކިކުރި ޕްރޮޖެކްޓުތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ އަގަށް ފެތޭ ގޮތަށް ޕްރޮޖެކްޓުތައް ދިނުމަށެވެ.

ސްވިފްޓުގެ މި ހުށަހެޅުމުގެ ދަށުން، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދޭ ކަަމަށް ސައުދުﷲ ވިދާޅުވި އެވެ. އަދި ހަތަރު ޕްރޮޖެކްޓެއްގެ ބަދަލުގެ ގޮތުގައި އެ ޕްރޮޖެކްޓުތަކުގެ އަގާ އެއްވަރު ފަސް ޕްރޮޖެކްޓު ދިންއިރު، ހުއްޓުވާލި ދެ ޕްރޮޖެކްޓުގެ ބަދަލުގައި އެއްވެސް އެއްޗެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ގެ ޕޯސްޓުގައި އޭނާ ވަނީ ބަދަލުގެ ގޮތުގައި ޕްރޮޖެކްޓުތައް ނުދީ، ކޯޓަށް ގޮސްގެން ބަދަލު ހޯދި ނަމަ ސްވިފްޓަށް މާ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ވިދާޅުވެފަ އެވެ.

"މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވަނީ ފައިދާ. ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް،" އޭނާ ލިޔުއްވާފައި ވެ އެވެ.

ސްވިފްޓަށް ބަދަލު ދިން މައްސަލައިގައި އޭސީސީން ފައްޔާޒަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތެވެ.

އޭސީސީން ފޮނުވި ޗިޓުގައި ވަނީ ފައްޔާޒު ހާޒިރުކުރަނީ އެ ކުންފުންޏަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވި ކަމަށެވެ. ޗިޓުގައި ބުނެފައިވެ އެވެ. އަދި މި ބަދަލުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.

ޗިޓު ލިބުމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ ކަމަށެވެ. އަދި، އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރާ ކަމަށް ލިޔުއްވާފައިވެ އެވެ.