Advertisement

ދެ އަހަރަށް ފަހު ހުޒާމް ގައުމީ ވޮލީ ޓީމަށް

9 އޮކްޓޯބަރު 2025 - 15:21 0


ދެ އަހަރަށް ފަހު ހުޒާމް ގައުމީ ވޮލީ ޓީމަށް

9 އޮކްޓޯބަރު 2025 - 15:21 0

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އަލީ ހުޒާމް (ހުޒަންޓެ) އެނބުރި އަތުވެއްޖެ އެވެ.

އެ ގޮތުން، ހުޒާމް ވަނީ، މި މަހު ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ މެންސް ނޭޝަންސް ކަޕަށް ނެގި ސްކޮޑުގައި ހިމަނައިފަ އެވެ.

މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ ފަހުން ހުޒާމް، ގައުމީ ޓީމަށް ކުޅޭ ފުރަތަމަ ފަހަރެވެ. އެ މުބާރާތުގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ހުޒާމް، އޭގެ ފަހުން، ގައުމީ ސްކޮޑުގައި ނެތެވެ.

ބަންގްލަދޭޝްގައި މި މަހު ބާއްވާ ކާވާ މެންސް ނޭޝަންސް ކަޕްގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އާއި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ހިތްވަރު ދެއްވައިފަ އެވެ.

ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ދެ ހަފްތާއެއްހާ ދުވަސްކުރިން، ގައުމީ ވޮލީޓީމު ޓްރެއިނިންތައް ފެށިއިރު، މި ފަހަރުގެ ސްކޮޑުން ވަނީ މުޅިން އަލަށް ޒުވާން ކުޅުންތެރިއެއް ކަމަށްވާ، އިޔާން އަލީ އަށް ފުރުސަތު ދީފަ އެވެ.

ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އަލީ ހުޒާމް (ހުޒަންޓެ)، އާދަމް ފައިރޫޒް، ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ވިޝާމް (ބުޅިކެ)، ހުސެއިން ޔޫސުފް (ޓޯއި)، އަލީ ނިމާލް، ހަސަން ނިލާމް (ޕާޓޭ)، ޝަމާއިލް ހުސެއިން، މުހައްމަދު މިމްރާހު ހަސަން (މިންމި)، މުހައްމަދު ނައީމް (ނައިންޓޭ)، ހުސެއިން ރަައްޒާން، ޝާމިލް މުހައްމަދު އަދި އިޔާން އަލީ އެވެ.