Advertisement

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ތޯރިގު އައްޔަނުކޮށްފި

9 އޮކްޓޯބަރު 2025 - 14:29 0


ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ތޯރިގު އައްޔަނުކޮށްފި

9 އޮކްޓޯބަރު 2025 - 14:29 0

ދުނިޔޭގެ ފުޓްބޯޅައިގެ މައި، ޖަމިއްޔާ ފީފާ، ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އައްޔަނުކޮށްފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި، ތޯރިގު، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް ހަމަޖެއްސީ، ހިނގަމުން މިދާ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ މުއްދަތަށް އޮތް ދައުރަށެވެ. ތޯރިގު އަކީ، ފީފާގެ މި ފަދަ ސްޓޭންޑިން ކޮމިޓީއެއްގައި މަސައްކަތްކުރައްވާނެ ރާއްޖޭގެ ފުރަތަމަ ފަރާތެވެ.

އެ ގޮތުން، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަކީ ޒިންމާ ބޮޑު ދުނިޔޭގެ ފުޓްބޯޅައިގެ ކުރިއެރުވުމުގެ މަގުޗާޓެއް އެކުލަވާލައިގެން، ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން މަސައްކަތްކުރާނެ ކޮމިޓީ އެކެވެ. މި ކޮމިޓީގެ ރޯލުތަކުގެ ތެރޭގައި، ޓެކްނިކަލް ކަންކަން ދިރާސާ ކުރުމާއި ގްރާސްރޫޓް ލެވަލުން ފެށިގެން ސީނިއާ ލެވަލާ ހަމައަށް ފުޓްބޯޅައިގެ ކަންކަން ރޭވިފައި އޮތް ކަންކަމާއި ކޯޗިން ޕްރޮގްރާމްތައް އިވެލުއޭޓްކުރުމުގެ ކަންކަން ކުރެވިގެންދާނެ އެވެ.

މި ކޮމިޓީން ފުރުސަތު .ލިބިގެންދިޔަ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ހަމައެކަނި ފަރާތަކީ ތޯރިގު އެވެ. އެހެންކަމުން މި ފަދަ މުހިންމު ކޮމިޓީއެއްގައި ރާއްޖޭގެ ބައިވެރިވުން އޮތުމަކީ، ފީފާގެ އިތުބާރު ރާއްޖެ އަށް އޮތް ކަމުގެ ހެއްކެއްގެ ގޮތުގައި އެފްއޭއެމް އިން ފާހަގަކުރެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ތޯރިގު ވަނީ މީގެ ކުރިން 2016 ވަނަ އަހަރު ހަތަރު މަހެއްހާ ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރައްވައިފަ އެވެ. ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު އިންތިހާބުވީ، މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކުގަ އެވެ.

އެފްއޭއެމްގެ ރައީސް ތޯރިގު (ޓޮމް) އާއި އޭނާގެ ލީޑާޝިޕްގެ މަސައްކަތްތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވަނީ ތައުރީފުކުރައްވައިފަ އެވެ. ތޯރިގު އާއި ފީފާގެ ރައީސް، އިންފަންޓީނޯ، ބައްދަލުކުރެއްވި ފޮޓޯތަކެއް، އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރައްވައި، އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުމަގުން ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވައިފަ އެވެ.

އިންފަންޓީނޯ ވިދާޅުވީ، ތޯރިގުއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޮޕްމަންޓް ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ރާއްޖޭގެ ރައްޔިތުންނަށް ފުޓްބޯޅައިގެ ކުރިމަގު ރަނގަޅު ކުރުމަށް ވާހަކަ ދެކެވުނު ކަމަށެވެ.

"ކުރީގެ ކުޅުންތެރިޔާ ތޯރިގުގެ ތަޖުރިބާ އާއި މަގާމުގައި ކުރިއަށްދިއުމުގެ ގާބިލުކަން މިދިޔަ ޖުލައި މަހުގެ އިންތިހާބަށް ފަހު ވެސް ފެނިގެން އެބަދޭ. ހަތް އަހަރު ތެރޭ ފުރަަތަމަ ތަށި، ސައުތު އޭޝިއަން ސުޕަ ކަޕްގައި މިދިޔަ ހަފްތާގައި ހޯދުމާއި އަންހެން ފުޓްބޯޅަ އަލުން ކުރިއެރުވުމަށް މި އަހަރު ފަހުކޮޅު މުބާރާތެއް ރޭވިފައި އެ އޮތީ،" އިންފަންޓީނޯ ވިދާޅުވި އެވެ. "މި ކަންކަމުން އެ ދޭހަވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އަހަރެމެން ދެބައި މީހުން އެދޭގޮތަށް ރަނގަޅަށް ކުރިއަށްދާކަން،"

ތޯރިގުގެ ލީޑަޝިޕުން އަންނަނީ، މި ފަހަރު، އެ ޖަމިއްޔާ ހިންގުމަށް ލިބުނު ފުރުސަތުގައި، މާލީ ގޮތުންނާއި އިދާރީ ހިންގުމަށް ބަލާއިރު، އަޑިގަނޑެއްގައި އޮތް އެފްއޭއެމް އަލުން ކޮޅަށް ޖެހުމަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ.