Advertisement

ސަލާހަށް ރެކޯޑަކާ އެކު މިސްރު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

9 އޮކްޓޯބަރު 2025 - 05:37 0


ސަލާހަށް ރެކޯޑަކާ އެކު މިސްރު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

9 އޮކްޓޯބަރު 2025 - 05:37 0

ކަސަބްލަންކާ، މޮރޮކޯ (އޮކްޓޫބަރު 9) - މުހައްމަދު ސަލާހު، ދެ ގޯލު ޖަހައި، ޖިބޫޓީ އަތުން 3-0 އިން މިސްރު މޮޅުކޮށްދީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

މި މެޗުގައި ދެ ގޯލު ޖެހި މިސްރުގެ ކެޕްޓަން، ސަލާހަށް ވަނީ އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހާސިލްކޮށްފަ އެވެ. އެ ގޮތުން، ކޮލިފައިން 29 މެޗުން ސަލާހު 20 ގޯލު ހަމަކުރިިއިރު، ކުރިން އެ މަގާމުގައި އޮތް ކެމަރޫންގެ ސެމުއެލް އެޓޫ އާއި އައިވަރީ ކޯސްޓުގެ ޑިޑިއޭ ޑްރޮގްބާ ވަނީ ވޯލްޑް ކަޕް 19 ލަނޑު ޖަހައިފަ އެވެ.

މިސްރު ވާދަކުރާ، އެފްރިކާ ކޮލިފައިން ގްރޫޕް އޭގައި ނުވަ ޓީމު ހިމެނޭއިރު، އެއް ވަނައިގައި މިސްރު އޮތީ، ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބުރްކީނާ ފާސޯ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

ސަލާހުގެ އިތުރުން މިސްރުގެ އަނެއް ލަނޑު ޖެހީ، އިބްރާހިމް އާދެލް އެވެ.

މިސްރަކީ، އެފްރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ހޯދި ތިން ވަނަ ޓީމެވެ. މީގެ ކުރިން، މޮރޮކޯ އާއި ޓިއުނީޝިއާ ވަނީ ޖާގަ ހޯދައިފަ އެވެ. އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރުން މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނީ ތިން ފަހަރު އެވެ. އެއީ، 1934، 1990 އަދި 2018 ގަ އެވެ.

ދެން، އެންމެ އަވަހަށް އެފްރިކާ އިން ވޯލްޑް ކަޕްގެ ޖާގައެއް ހޯދާނެ ކަމަށް ބެލެވެނީ، އަލްޖީރިއާ އެވެ.