9 އޮކްޓޯބަރު 2025 - 00:26 4
އަހުމަދު އާއިދު
މި އަހަރު ކުރީކޮޅު ބޭއްވި ޒުވާނުންގެ މުޒާހަރާގެ ތެރެއިން ޝިމަން ވާހަކަދައްކަނީ --- ފޮޓޯ: ޝާރި
9 އޮކްޓޯބަރު 2025 - 00:26 4
ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ސަރުކާރާއި އިދިކޮޅަށް ވަކާލާތުކުރަމުންދާ އައިޝަތު ޝިމަންގެ ފޯނު ފުލުހުން ޖަހައިގެންފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި ދަންވަރު 12 ޖަހާކަން ހާއިރު އެވެ. ފޯނު އަތުލިއިރު ކޯޓު އަމުރު ނުދައްކާ ކަމަށާއި އަމުރެއް އޮތްކަން ފިޔަވާ އިތުރު ތަފުސީލެއް ނުދޭ ކަމަށްވެ އެވެ.
ނަމަވެސް ފަހުން ފުލުހުން ކޯޓު އަމުރު ދެއްކި އެވެ.
ޝިމަންގެ ގާނޫނީ ވަކީލު ބުނީ ފުލުހުން ހިއްސާކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ ފޯނު ހިފެހެއްޓީ ސޯޝަލް މީޑިއާގައި މުއިއްޒު އަށް އިންޒާރު ދިން ކަމަށް ފުލުހުންނަށް ހީވެގެން ކަމަށެވެ.
އަމުރުގައި ލިޔެފައިވަނީ ޝިމަން ހިންގާ އެކައުންޓަކުން މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މިއީ ސީދާ ކޮން ޕޯސްޓެއް ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ޝިމަންގެ މައްޗަށް ކޯޓުން ދެ އަމުރެއް ނެރެފައިވާއިރު، ދެވަނަ އަމުރުގައި ބުނެފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑު ހިއްސާ ކުރުމަށާއި އެޕްތަކަށް އެކްސެސް ވެވޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށެވެ.
މި އަމުރުތައް ބިނާކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ.
މި އަހަރުގެ ކުރީކޮޅު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކާއި ގުޅިގެން ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.
އެ ފަހަރު ޝިމަން އަށް ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމަކީ ކުށެއް ކަމަށެވެ.
އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
Comment