8 އޮކްޓޯބަރު 2025 - 09:40 0
އަހުމަދު އާއިދު
ފުލުހުންނަށް ދޮގު މައުލޫމާތު ދިން ދައުދު ރައީސް މުއިއްޒު އާއެކު: އެ މައްސަލާގައި އޭނާ އާއި ސުވާލުކޮށް މިހާރު ވަނީ ބަޔާން ނަގާފަ ---- ފޮޓޯ: ރައީސް އޮފީސް
8 އޮކްޓޯބަރު 2025 - 09:40 0
ޔުމްނު ވެއްޓުނު މައްސަލައިގައި ދައުވާކުރި ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ފުލުހުންގެ ތަހުގީގަށް ދޮގު ބަޔާން ދިން މައްސަލާގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ބުނެފައިވާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ފޮނުއްވި ޖަވާބުގަ އެވެ.
ލިޔުމުން ފޮނުއްވި ޖަވާބުގައި އިހުސާން ވިދާޅުވީ ޖިނާއީ ތަހުގީގު ހިންގަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވާ މީހުންގެ ތެރެއިން ދައުދާއި ފުލުހުން ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތަކީ ހ. މާއިރާ ގެއިން ރައުދު އާއި ބައްދަލުވި އިތުރު ފަރާތްތަކާއި ސުވާލުކުރުން ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދައުދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."
ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދައުދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދައުދު އަހުމަދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި، އެ ފޯނަށް ޖަވާބުދީ އައިޑީ ކާޑޫ ނަންބަރު ފޮނުވައި ދިނުމަށް ވިދާޅުވެފައިވާނެ ކަމަށާއި އާންމު އުސޫލުންން ވެސް ކޮންމެ މީހަކު ގުޅި ނަމަވެސް އައިޑީކާޑު ނަންބަރު ފޮނުވައި ދިނުމަށް އެދޭ ކަމަށާއި، އެ ކޯލްގައި ހަނދާންވާ ގޮތުން ދައުދު އަހުމަދު ބުނެފައިވަނީ ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި ކަމަށާއި މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދައުދު އަހުމަދު އެހެން ބުނުމުން ބަލައިލާނެ ކަމަށް ވިދާޅުވެފައިވާނެ،" މިނިސްޓަރު ދިން ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައި ބުންޏެވެ.
ރައީސް އޮފީހުގެ މަގާމުން ދައުދު ވަކިކުރީ ދޮގު ބަޔާން ދިންކަން ފަޅާއެރުމުންނެވެ. އޭގެ ކުރިން އޭނާ ހުރީ ބަރަހަނާކޮށް ހުރި އަންހެނަކާއެކު ނަގާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލަ ފެންމަތިވި ދުވަސްކޮޅު ބަނގުރާ ހުސްކުރި 12 ފުޅިއާއެކު ދައުދު ނަގާފައިވާ ފޮޓޯއެއް ވެސް ދައުރުވި އެވެ.
Comment