7 އޮކްޓޯބަރު 2025 - 23:58 0
7 އޮކްޓޯބަރު 2025 - 23:58 0
މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 7) - އެމެރިކާގެ ކްލަބް، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފުލްބެކް، ޖޯޑީ އަލްބާ، މިހާރު ކުރިއަށްދާ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެެ.
އަލްބާގެ އިތުރުން، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓްސް، 37، ވެސް ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެކަން އިއުލާނުކޮށްފަ އެވެ.
އުމުރުން 36 އަހަރުގެ އަލްބާ ބުނެފައިވަނީ، ފުޓްބޯޅައިގައި އޭނާ ހާސިލްކުރަން ބޭނުންވާ ގިނަ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި، ފުޓްބޯޅައިން އޭނާގެ ދިިރިއުޅުމަށްޓަކައި، ފުރިހަމަކޮށްދިން ހުރިހާ ކަމަކާ އެކީގައި، މިއީ ޕްރޮފެޝަނަލް ކެރިއަރު ނިންމާލައި، ދިރިއުޅުމުގެ އާ ޗެޕްޓަރެއް ފަށަން މުހިންމު ވަގުތެއް ކަމަށް އަލްބާ ވަނީ ބުނެފަ އެވެ.
އަލްބާ (ވ) އާއި ބުސްކެޓްސް: ދެ ކުޅުންތެރިން ވެސް މި ސީޒަނަށް ފަހު ފުޓްބޯޅަ އިން ރިޓަޔާކުރާނެކަން ވަނީ އިއުލާނުކޮށްފައި.
މީގެ ދެ އަހަރު ކުރިން، ބާސެލޯނާ ދޫކޮށް، އިންޓަ މިއާމީ އަށް ބަދަލުވި އަލްބާ ވަނީ މިދިޔަ މެއި މަހު، މިއާމީއާ އެކު، އިތުރު ދެ ސީޒަނަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، މިހާރު އަލްބާ ނިންމާފައިވަނީ، އެ އެއްބަސްވުން އުވާލައި، ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެނައުމަށެވެ.
ވެލެންސިއާ އިން ކެރިއަރު ފަށައި، ފުޓްބޯޅައިގައި ކާމިޔާބު 11 އަހަރު ބާސެލޯނާގައި ހޭދަކުރި އަލްބާ ވަނީ ޕްރޮފެޝަނަލް ކެރިއަރުގައި 21 ތަށި ހޯދައިފަ އެވެ. އަލްބާ ވަނީ، ސްޕެއިން ގައުމީ ޓީމަށް 2011 އިން 2023 އަށް 93 މެޗު ކުޅެދީފަ އެވެ.
ފުޓްބޯޅަ ކެރިއަރުގައި އަލްބާ ހޯދި ތަށި ތަކަކީ، ބާސެލޯނާގައި ހުރެ، ހަ ފަހަރު ސްޕެނިޝް ލީގު، ފަސް ފަހަރު ސްޕެނިޝް ކަޕް، ހަތަރު ފަހަރު ސްޕެނިޝް ސުޕަ ކަޕް، ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެވެ. ސްޕެއިނާ އެކު، 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި އަލްބާ ވަނީ އިންޓަ މިއާމީގައި، ސަޕޯޓާސް ޝީލްޑް އާއި ލީގްސް ކަޕް ކާމިޔާބުކޮށްފަ އެވެ.
Comment