Advertisement

ގާނޫނުއަސާސީއަށް ގެންނަ ބަދަލެއް ހިމެނޭހެން ސަރުކާރުން 27 ބިލެއް ހުށަހަޅަނީ

8 އޮކްޓޯބަރު 2025 - 09:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: މަޖިލީހުގެ މި ދައުރުގައި ސަރުކާރުން 27 ބިލެއް ހުށަހަޅާނެކަން އެމަނިކުފާނު ރޭ އިއުލާނުކުރެއްވި ---- ފޮޓޯ: ރައީސް އޮފީސް


ގާނޫނުއަސާސީއަށް ގެންނަ ބަދަލެއް ހިމެނޭހެން ސަރުކާރުން 27 ބިލެއް ހުށަހަޅަނީ

8 އޮކްޓޯބަރު 2025 - 09:45 0

ނިމުނު ހަފުތާގައި ފެށުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ތެރޭގައި ސަރުކާރުން ޖުމްލަ 27 ބިލެއް މަޖިލީހަށް ހުށަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ރޭ ވިދާޅުވީ، މަޖިލީހުގައި މިހާރު 18 ބިލެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ފެށުނު ދައުރުގެ ތެރޭ ސަރުކާރުން އިތުރު 27 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި މުޅިން އަލަށް. އައު ގާނޫނުގެ ގޮތުގައި އަންނަ 12 ގާނޫނެއް ހިމެނޭ. އަދި އިސްލާހުތަކުގެ ގޮތުގަ. ގާނޫނުއަސާސީއަށް އަންނަ އިސްލާހެއް ހިމެނޭ ގޮތަށް އިސްލާހުތައް އެބަ އާދޭ،" މުއިއްޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާ ބަދަލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް މުއިއްޒު ނިންމަވާފައިވާ ގޮތަށް ބަދަލު ކުރުމަށް ހުށަހަޅާ ބިލެކެވެ. އެގޮތަށް ގާނޫނުއަސާސީ ބަދަލުކުރެވޭނީ މަޖިލީހުން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

ކޮރަޕްޝަން ހުއްޓުވަން ހަ ބިލުގެ "ޕެކޭޖެއް"

މުއިއްޒު ރޭ ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މަޖިލީހުގެ މި ދައުރުގައި އިތުރު ހަ ބިލެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ގާނޫނުތަކުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލާ، މިކަން ހަގީގީ މާނައިގަ ރާއްޖޭގެ ނިޒާމުގެ ތެރެއިން 'އިރެޑިކޭޓް' [ފުހެލުމަށް] ޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް އަޅުގަނޑުމެން މި އިސްލާހު މި ގެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

ކޮރަޕްޝަން ނައްތާލަން ކަމަށް ބުނެ ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މިހާރު އޮތް މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސިން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލެއް ހިމެނެ އެވެ. ރޭގެ ވާހަކައިގައި މުއިއްޒު ވިދާޅުވީ މިހާރު އެ ގާނޫނު އޮތް ގޮތުން ބައެއް ފަރާތްތަކުން ރެކިގަންނަ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު ފަރުމާކުރަމުންދާ އެސެޓް ރިކަވަރީ ބިލު ވެސް މި ދައުރުގެ ތެރޭ ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަދި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅާނެ ކަން މުއިއްޒު ރޭ އިއުލާނުކުރެއްވި އެވެ.

"މިއީ ޕެކޭޖެއް. މި ހަ ބިލު އިސްލާހު ކުރެވުނީމަ، ޖުޑިޝަރީއަށް ވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް، ފުލުހުންނަށް ވެސް، ޕީޖީއަށް ވެސް، މި ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މި ބަދަލުތަކާއެކު ރާއްޖޭގައި ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ރޭ ވިދާޅުވި އެވެ. އަދި، ކޯޓުތަކާއި ޝަރުއީ ދާއިރާއަށް މިހާރު ފުރިހަމަ ބާރުތައް ލިބިފައިވާ ކަމަށާއި ބަޖެޓު އިތުރުކޮށްދީފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

އޭސީސީގެ ގާނޫނު އިސްލާހުކޮށް އިތުރު ބާރުތަކެއް ދޭން ނިންމާފައިވާކަން މުއިއްޒު އިއުލާނުކުރެއްވިއިރު، އެ ކޮމިޝަނުގައި މި ވަގުތު އެމަނިކުފާނުގެ ގިނަ މައްސަލަތަކެއް އެބައޮތެވެ. މި މައްސަލަތަކުގެ ތަފުސީލު ދޭން އޭސީސީން ވަނީ މިދިޔަ ހަފުތާގައި ދެކޮޅު ހަދާފަ އެވެ.

ފެބްރުއަރީ 13، 2022، ގައި އޭސީސީން އާންމު ފަރާތަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވާ ގޮތުން، އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓުގައި އޮޅުވާލި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.