Advertisement

ރާއްޖެ ކުރިން އޮތްގޮތަށް ރުޖޫއަކުރަން މުއިއްޒުގެ ސަރުކާރުން "ރެސްޕެކްޓް ކެމްޕޭން" ފަށަނީ

7 އޮކްޓޯބަރު 2025 - 23:53 9

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، ކުރީގެ ރައީސް މައުމޫން އާއެކު: މައުމޫން ދައުރަށް ރުޖޫއަވާން "ރެސްޕެކްޓް ކެމްޕޭން" އެއް ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުން ---- ފޮޓޯ: ރައީސް އޮފީސް


ރާއްޖެ ކުރިން އޮތްގޮތަށް ރުޖޫއަކުރަން މުއިއްޒުގެ ސަރުކާރުން "ރެސްޕެކްޓް ކެމްޕޭން" ފަށަނީ

7 އޮކްޓޯބަރު 2025 - 23:53 9

ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގައި އޮތް އިހުތިރާމު ކުރުމުގެ ސަގާފަތް ގެއްލިއްޖެ ކަމަށާއި އޭގެ ކުރިން އޮތް ހާލަތަށް ގައުމު ގެންދަން ބޭނުންވާ ކަމަށް ވިދާޅުވެ، ސަރުކާރުން "ރެސްޕެކްޓް ކެމްޕޭން" އެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މަހިބަދޫގައި ހުންނަވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހިން މީގެ އަހަރުތަކެއް ކުރިން ސިޔާސީ އޮއެވަރެއްގެ ތެރެއަށް ވަދެގެން ދިޔަގޮތަށް އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ އާދަ ނެތިގޮސްފައިވާ ކަމަށެވެ.

މުއިއްޒު އެ ވިދާޅުވާ ސިޔާސީ އޮއިވަރަކީ 90 ގެ ފަހުކޮޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފެށި ހަރަކާތްތަކެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް އެތައް ހައްގެއް ލިބި ރައްޔިތުންގެ ވޯޓުން ވެރިން ހޮވުމުގެ ހައްގު ލިބުނެވެ.

"ސިޔާސީ އޮއެވަރެއްގެ ތެރެއަށް މީގެ އަހަރެއް ކުރިން ވަދެގެން ދާންފެށި ގޮތަށް ގޮސް މިހާރު މިއޮތީ ރެސްޕެކްޓު ކުރުން، އިހުތިރާމް ކުރުން ވަރަށް ބޮޑަށް ވެއްޓިފަ. އަޅުގަނޑު ބޭނުންވަނީ މިކަން ބަދަލުކުރަން. ކުރީގަ އޮތް ގޮތަށް އަޅުގަނޑުމެން ދާން. އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުން ހަގީގަތުގަ ބޭނުންވާނެ އެކަން" މުއިއްޒު ވިދާޅުވި އެވެ.

މައުމޫނުގެ ޒަމާނުގައި އޮތް އިހުތިރާމު ކުރުން ރުޖޫއަކުރަން އަންނަ އަހަރު ސަރުކާރުން އިހުތިރާމު ކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަތްލެވޭ މަޝްރޫއެއް ނޫން. އެކަމު ބިޔަ މަޝްރޫއެއް. އިހުތިރާމް އަދާކުރުމުގެ ބިޔަ މަޝްރޫއެއް. ރެސްޕެކްޓް ކެމްޕޭނެއް ފަށަން. މިކަމުގެ ކަމާބެހޭ. ހުރިހާ ރައްޔިތުންނާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީ، ހުރިހާ އެންޖީއޯ ތަކާއި ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން، ސިޔާސީ ޕާޓީތަކާއި،" މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަކީ އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ އާދަ އަނބުރާ ގެނެސް ކުރިން އޮތް ގޮތަށް އިހުތިރާމު އަދާކުރުން ރުޖޫއަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިސާލުގެ ގޮތުގައި އަވަށްޓެރިންނަށް އިހުތިރާމު އަދާކުރުން، މައިންބަފައިންނަށް އިހުތިރާމު އަދާކުރުން، ދުވަސްވީ މީހުންނަށް އިހުތިރާމު އަދާކުރުން، ކްލާސް ރޫމްތަކުގައި ޓީޗަރުންނަށް އިހުތިރާމު އަދާކުރުން، މިރޭ ވާހަކަ ދައްކަވަމުން މުއިއްޒު ހިމެނުއްވި އެވެ.

އަދި، މިއީ އެމަނިކުފާނު ވިސްނުމަށް ގެންނެވި ވަށައިޖެހޭ ތަރައްގީގެ މަޝްރޫއެއް ކަމަށާއި މިކަމުގެ އަސްލު ނަތީޖާ ފެންނާނީ މިކަމުގައި އެންމެން ބައިވެރިވެގެން ކަން ފާހަގަކުރެއްވި އެވެ.

މައުމޫނުގެ ވެރިކަމުގައި އޮތް ގޮތަށް ކަންކަން އިޔާދަކުރުމަކީ މި ސަރުކާރު އައި ފަހުން ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިން ދޭތެރެ ދޭތެރެއިން ދައްކާ ވާހަތަކެކެވެ. އެގޮތުން ކައުންސިލަރުންގެ ބަދަލުގައި ކަތީބުން ލުމާއި ސިފައިންނާއި ފުލުހުންނަށް އަނިޔާވެރިވުމުގެ ބާރުތައް ދިނުން ހިމެނެ އެވެ.