Advertisement

ބާކީ އޮތް ސަރަހައްދުގައި ކަޅު ދާ ދަމައި ޖުމްހޫރީ މައިދާން އެއްކޮށް ބަންދުކޮށްފި

7 އޮކްޓޯބަރު 2025 - 17:43 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖުމްހޫރީ މައިދާނުގެ ބަންދުކޮށްފައިވާ ސަރަހައްދު: އެ ސަރަހައްދުގައި ހުރި ގައުތަކާއި ވިނަތައް ވަނީ ނަގާފަ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބާކީ އޮތް ސަރަހައްދުގައި ކަޅު ދާ ދަމައި ޖުމްހޫރީ މައިދާން އެއްކޮށް ބަންދުކޮށްފި

7 އޮކްޓޯބަރު 2025 - 17:43 2

ޖުމްހޫރީ މައިދާނުގެ ބަންދުނުކޮށް އޮތް ސަރަހައްދަށް ނުވަދެވޭނެހެން ކަޅު ދާ ދަމައި، މުޅި މައިދާން އެއްކޮށް ބަންދުކޮށްފި އެވެ.

އިއްޔެ އާއި ހަމައަށް ޖުމްހޫރީ މައިދާނުގެ ހުޅަނގު ކޮޅުގައި ހުންނަ ފައުންޓެއިން އާއި ދިމާލާއި މައިދާނުގެ އިރުމަތީ ފަރާތުން، ފުލުހުންގެ މައި މަރުކަޒާވީ ފަޅި ހުރީ ބަންދުކޮށްފަ އެވެ. ނަމަވެސް މެދުގައި އޮންނަ ސަރަހައްދު އޮތީ ހުޅުވާލާފަ އެވެ.

މިއަދު އެ ސަރަަހައްދު ބަންދުކޮށްފައިވަނީ ކަޅު ދާ ދަމައިގެންނެވެ. ޖުމްހޫރީ މައިދާން އެއްކޮށް ބަންދުކޮށްފައިވާއިރު އެތަން ދެން ހުޅުވާނެ ތާރީހެއް ސަރުކާރަކުން ނުބުނެ އެވެ.

މިކަމާއި ގުޅިގެން އިތުރު ތަފުސީލު ހޯދުމަށް އަދަދު އިން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސުވާލުކުރުމުން އެ މިނިސްޓްރީން ބުނެފައިވަނީ ޖުމްހޫރީ މައިދާން ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ މަގުހަދާ ކުންފުނި، އާރުޑީސީގެ މުވައްޒަފުންނެވެ. އެ ސަރަހައްދަށް ހެވީ މެޝިނަރީޒް ވައްދާ، ކުރިން އަތުރާފައި ހުރި ގައުތަކާއި ސިމެންތި ބެންޗުތައް މިހާރު ވަނީ ތަޅާލާފަ އެވެ.

އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން މާލޭގައި މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. މުޒާހަރާގެ ކުރިން، މުޒާހަރާގެ ބައިވެރިން ޖުމްހުރީ މައިދާނަށް ވަންނަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވި އެވެ.

ނަމަވެސް މަޖީދީ މަގުން ހިނގަން ފުރުސަތު ނުދީ، އެ ރޭ އެއްވި އެތައް ހާސް ބަޔަކު ތިބެން ޖެހުނީ އާޓިފިޝަލް ބީޗު ކައިރި އެވެ. މުޒާހަރާ ނިންމާލީ، މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ އަދި ނުރައްކާތެރި ސޮނިކް ވެޕަނެއް ކަމަށްވާ އެލްރެޑު ބޭނުން ކުރަމުން ދަނިކޮށެވެ.

އެމްޑީޕީން ދަނީ ނޮވެމްބަރު 17، ގައި އިތުރު ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.