7 އޮކްޓޯބަރު 2025 - 13:45 0
އަހުމަދު އާއިދު
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ވަޒީރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ތާރީހު ބަޔާންކޮށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ވަނީ ބަލައިގެންފަ ---- ފޮޓޯ: ރައީސް އޮފީސް
7 އޮކްޓޯބަރު 2025 - 13:45 0
ސަރުކާރުގެ ވަޒީރުންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ތާރީހު ބަޔާންކޮށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގައި ނެގި ވޯޓުގައި މި ބިލު ބަލައިގަތުމަށް އެ ވަގުތު ތަޅުމުގައި ތިއްބެވި 59 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މި ބިލުގެ ބަހުސަށް މިއަދުގެ ޖަލްސާގައި ހުޅުވާލި ނަމަވެސް އެއްވެސް މެންބަރަކު ބިލާއި ގުޅޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.
ވަޒީރުންގެ މަގާމާއި ހަވާލުވާ ފަހުން ހިނގާ ކޮންމެ އަހަރެއްގެ މާލީ ބަޔާން އާންމުކުރަން ޖެހޭނެ ކަމަށް ބުނާ މި ބިލު ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީންނެވެ. ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މާލީ ބަޔާން ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން ޖެހޭ މުއްދަތެއް ނޯވެ އެވެ.
ނަމަވެސް، މަޖިލީހުން މިއަދު ބަލައިގަތް ބިލުގައި އެ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ އަހަރު ފުރި ތިން މަހުގެ ތެރޭގައި މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން ލާޒިމްކުރުމަށެވެ. އެ ބަޔާންތައް އާންމުކުރުމަށް އޮޑިޓާ ޖެނެރަލަށް މި ލިބުން ލާޒިމްކުރެ އެވެ.
ގާނޫނުއަސާސީއަށް ގެންނަ ބަދަލާއި އެއްގޮތަށް މާލީ ބަޔާން ހުށަހަނާޅުއްވާ ވަޒީރުންގެ މުސާރައިން ޖޫރިމަނާއެއް އުނިކުރަން ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުކުރި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭ އެއްވެސް ވަޒީރެއްގެ މާލީ ބަޔާން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ ވެސް މުދަލާއި ފައިސާ ހުރިހާ އެއްޗެއް ވެސް ފެންނާނެ ގޮތަށް ހާމަކުރެވޭ ދުވަހަކުން އިރާދަފުޅުކުރެއްވިއްޔާ މި ދާއިރާ އަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ. އަދި ރައްޔިތުން ކުރާ އިތުބާރާއި އިހުތިރާމާއި ގަދަރު ވެސް ބޮޑުވާނެ،" ޝުޖާއު ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއަށް އިތުބާރު ހޯދުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ގާނޫނުތަކާއެކު ސިޔާސީ ދާއިރާއަކީ "މުއްސަނދިވާން ލިބޭ ފުރުސަތެއްގެ ގޮތުގައި ނޯންނާނެ" ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment