ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮކްޓޫބަރު 7) - ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ އެ ޓީމުން އޭނާ އަށް ފުރުސަތު ދީފިނަމަ، ކުޅެން ތައްޔާރު ކަމަށް ބުނެ، ތަޖުރިބާކާރު ޑިފެންޑަރު، ތިއާގޯ ސިލްވާ މެސެޖެއް ދީފި އެެވެ.
އުމުރުން 41 އަހަރުގެ ތިއާގޯ ސިލްވާ، އެންމެ ފަހުން ބްރެޒިލް ޓީމަށް ކުޅެފައިވަނީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކްރޮއޭޝިއާ އަތުން ކެޓި މެޗަށް ފަހު، ތިއާގޯ ސިލްވާ އަށް ބްރެޒިލް ޓީމުން ފުރުސަތެއް ނުލިބެ އެވެ.
އެކަމަކު، ކުރިން އޭސީ މިލާން، ޕީއެސްޖީ އަދި ޗެލްސީ އަށް ކުޅުނު ތިއާގޯ ސިލްވާ އަންނަނީ، އަދިވެސް މަތީ ފަންތީގައި ފުޓްބޯޅަ ކުޅެމުންނެވެ. އެ ގޮތުން، މިދިޔަ ޖޫން/ޖުލައި ގައި އެމެރިކާގައި ކުރިއަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
"އަހަރެން މި ހުރީ ތައްޔާރަށް އަންޗެލޮޓީ އެދޭނަމަ، ގައުމީ ޓީމަށް ގޮވާލައިފިނަމަ ދާން ތައްޔާރު، އެކަމަކު އޭނަ އަހަންނަށް ފުރުސަތު ނުދިނަސް، މާޔޫސްކަމެއް ނެތް. ހަގީގަތަަަށް ބުނަންޏާ އިތުރު ވޯލްޑް ކަޕެއްގައި ކުޅެލަން ލިބުން ވާނީ ބޮޑު ކަމަކަށް. މީގެ އޮތް އަނެއް ކަމަކީ، ފްލުމިނެންސޭއާ އެކު އަހަރެންގެ ކޮންޓްރެކްޓް އޮތީ ވެސް ވޯލްޑް ކަޕްގެ ނިޔަލަށް. މާނަ އަކީ އަހަންނަށް ވޯލްޑް ކަޕެއް ކުުޅުމަށް ފަހު ކެރިއަރު ނިންމާލަން ފުރުސަތު އޮންނާނެ،" ތިއާގޯ ސިލްވާ ބުންޏެވެ.
ބްރެޒިލް ގައުމީ ޓީމަށް 2008 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅުނު ތިއާގޯ ސިލްވާ ވަނީ އެ ޓީމަށް 113 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
Comment