Advertisement

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކް ޖެހުނު ރަސްލާންގެ ހާލު އެޗްއާރްސީއެމްއިން ނުބަލާ

6 އޮކްޓޯބަރު 2025 - 11:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާގައި ބައިވެރިވި ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ދަނީ ފަރުވާދެމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މުޒާހަރާގެ ތެރެއިން ހާޓް އެޓޭކް ޖެހުނު ރަސްލާންގެ ހާލު އެޗްއާރްސީއެމްއިން ނުބަލާ

6 އޮކްޓޯބަރު 2025 - 11:07 1

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި މާލޭގައި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން އަންނަ މުހައްމަދު ރަސްލާންގެ ހާލު މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލާފައި ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ރަސްލާންގެ އާއިލާއިން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިހާތަނަށް އެޗްއާރްސީއެމް އިން ރަސްލާންގެ ހާލު ބެލުމަށް ނުވެސް ގުޅާ ކަމަށާއި ހޮސްޕިޓަލަށް ވެސް ޒިޔާރަތް ކޮށްފައި ނުވާ ކަމަށެވެ.

"އެޗްއާރްސީއެމް އިން ނުވެސް އާދޭ (ހޮސްޕިޓަލަށް). ނުވެސް ގުޅާ،" ރަސްލާންގެ އާއިލާއިން މި ނޫހަށް ބުންޏެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްއާ އަދަދު އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ޕީއާރް އޮފިސަރު، މުހައްމަދު ނާޝިދު ހަސަން ވިދާޅުވީ ރަސްލާންގެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލު ހޯދުމަށް އެދުމުން އެ ތަފްސީލް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މުޒާހަރާގެ ތެރެއިން ފުލުހުން ރަސްލާން އަށް އަނިޔާކުރި އެވެ. އަދި ޕެޕަސްޕޭރޭ ވެސް ޖެހި އެވެ. އޭނާ މި ވަގުތު އޮތީ އައިޖީއެމްއެޗުގެ ސީސީޔޫގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރަސްލާންއަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖަހައިގެން ނޫން ކަމަށް ދައްކަން އައިޖީއެމް ހޮސްޕިޓަލުން އިނގިރޭސި ބަހާއި ދިވެހި ބަހުން ބަޔާންތަކެއް އިއްޔެ ނެރުނެވެ.

އެކަމަކު ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ މައްސަލަތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން، 2020 ވަނަ އަހަރު ސެލްފް ޑިފެންސް ޓްރެއިނިން ހަދަމުންދިޔަ ޒުވާނަކަށް ޕެޕާ ސްޕްރޭ ޖެހުމުން ހާޓް އެޓޭކެއް ޖެހުނެވެ. އެ ހާދިސާއާ ގުޅޭ ކޭސް ރިޕޯޓު އެމެރިކާގެ އޮސްޓިން ކްރިޓިކަލް ކެއާ ޖާނަލްގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި އެމްޑީޕީގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ސޮނިކް ވެޕަން ވެސް ބޭނުންކުރި އެވެ. މިއީ މުޒާހަރާއެއް ރޫޅާލުމަށް ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރެވެ. ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ.

އެ މައްސަލަ ވެސް އެޗްއާރްސީއެމް އިން ބަލަމުންދާ ކަމެއް މިހާތަނަށް ހާމަކޮށްފައެއް އެވެ. އެ ކޮމިޝަނުން މިހާތަނަށް ތަފްސީލްތައް ހާމަނުކޮށް ބުނެފައިވަނީ މުޒާހަރާއާ ގުޅޭ ކަންކަން ބަލާ ކަމަށެވެ.