6 އޮކްޓޯބަރު 2025 - 10:50 4
އަހުމަދު އާއިދު
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު: އޭނާ ވިދާޅުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
6 އޮކްޓޯބަރު 2025 - 10:50 4
ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ކެންދޫ ދާއިރާގެ މެންބަރު ބެރިކޭޑެއް ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށެވެ. އެފަދަ ކަންކަން ކޮށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މެންބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވިޔަސް، އެވަރުގެ ކުށެއް ކޮށްފި ކަމަށް ވަންޏާމު އެ މެންބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ އިއްޒަތްތެރި ރައީސް،" ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް މެންބަރު މައުރޫފު ވާހަކަދައްކަވަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
މިކަންކަން ކުރުމަށް ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހޭ ކަމަށާއި އެހެން ނުހަދައިފިނަމަ ގައުމަށް އަމާންކަމެއް ނާންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީން ހުކުރު ދުވަހުގެ ރޭ މުޒާހަރާ ކުރީ ވަރަށް ނުބައި ރޭވުންތަކެއް ރާވައިގެން ކަމަށް ވެސް ފަލާހު މިއަދު ތުހުމަތުކުރި އެވެ. ނަމަވެސް، އެކަންކަމަށް ފުލުހުންނާއި ސިފައިން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރާއްޖެއަށް ހަމަޖެހުމެއް އަންނާނީ އެމްޑީޕީ އަށް ވެރިކަން ނުލިބި ގާތްގަނޑަކަށް 50 އަހަރު މި ރާއްޖޭގަ ބަޔަކަށް ވެރިކަން ކުރަން ފުރުސަތު ލިބިގެން،" ފަލާހު ވިދާޅުވި އެވެ.
ހުކުރު ދުވަހު ކުރި މުޒާހަރާގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭގެ އިތުރުން ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) އެއް ބޭނުންކޮށްފަ އެވެ. އެ މައްސަލައިގައި މިއަދު މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ފުލުހުން އެލްރެޑު ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ކުރި އަސަރު ހާމަކޮށްފައިވެ އެވެ. އޭގެތެރޭގައި މުޒާހަރާގެ ބައިވެރިންނާއި އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކާއި ސިއްހީ ގެއްލުންތައް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment