61 ކިލޯ ޑްރަގުގެ މައްސަލައިގައި ފުލުހުން ދެއްކި އަހުމަދު ވިސާމުގެ ފޮޓޯ: ޕީޖީން ކުރިން ބުނީ އޭނާއަކީ ސަރަހައްދީ ޑްރަގު ނެޓުވޯކުތަކާ ގުޅުން އޮންނަ މީހެއް ކަމަށް --- ފޮޓޯ: ފުލުހުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނި އަހުމަދު ވިސާމްގެ މައްޗަށް ތުހުމަތުކުރެވޭ ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގެ އިސްތިއުނާފު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދޫކޮށްލައިފި އެވެ.
ވިސާމްގެ މައްޗަށް ތުހުމަތު ކުރެވޭ ހާދިސާ ހިނގީ މީގެ އަށް އަހަރު ކުރިން ޑިސެމްބަރު، 2017، ގައި އެވެ. އެ ފަހަރު ޑްރަގު ފެނުނީ ވިސާމްގެ މައްޗަށް ނެރުނު ކޯޓު އަމުރެއްގެ ދަށުން ގެޔެއް ބަލައި ފާސްކުރަނިކޮށް، އެ ތަނުގެ ތެރެއިން ފެނުނު ރިމޯޓަކަށް، ފިތާލުމުން އެލާމް އެޅި ސައިކަލު ބަލައިފާސްކުރަނިކޮށެވެ.
މިހެން ނަމަވެސް، މިއީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަކެތިކަން ސާބިތުކޮށް ނުދެވޭ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އޭރު ޕީޖީ އޮފީހުން ނިންމީ މި މައްސަލަ އިސްތިއުނާފު ކުރާށެވެ.
ނަމަވެސް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް ގެންގުޅުއްވާ ރިވިއުކުރުމުގެ ސިޔާސަތުގެ ދަށުން، މި މައްސަލަ މުރާޖާކޮށް ބެލުމަށް ފަހު އެ އޮފީހުން ވަނީ މައްސަލަ ބާތިލުކޮށްދޭން އެދިފަ އެވެ.
މި ގޮތަށް އެދުނު ސަބަބުތަކުގެ ތެރޭގައި އެ އޮފީހުން ފާހަގަކުރީ މައްސަލަ ހިނގިތާ އަށް އަހަރު ވެފައި ވުމާއި، އިސްތިއުނާފީ މައްސަލައަށް ފަސް އަހަރުވީ އިރު ވެސް ނުނިމި އޮތުމާއި 2020 ގެ ފަހުން ވިސާމުގެ އިތުރު މައްސަލައެއް ހުށަހަޅާފައި ނެތުމެވެ. އަދި މި މައްސަލައިގައި ހައި ކޯޓުން ޖަވާބެއް ބޭނުންވާ ހާއްސަ ގާނޫނީ ނުކުތާއެއް މިހާރު ނެތް ކަމަށް ވެސް ޕީޖީން ކޯޓުގައި ބުނެފައި ވެ އެވެ.
ޕީޖީން އެދުނު ގޮތަށް ހައި ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފަ އެވެ. ދެން އެއްވެސް ކޯޓަކަށް މި މައްސަލަ އިސްތިއުނާފު ކުރާކަށް ހުށަނޭޅޭނެ އެވެ.
ވިސާމްގެ މި މައްސަލަ ދޫކޮށްލިއިރު، މީނާއަކީ 2020 ވަނަ އަހަރުގެ ތެރޭގައި ކަނޑުމަގުން 61 ކިލޯގެ ހެރޮއިން އެތެރެކުރުމުގައި އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ތުހުމަތުކުރި އެވެ. މި މައްސަލައިގައި ވިސާމް ހިމެނޭހެން 11 މީހަކު ހައްޔަރުކުރި ނަމަވެސް، ކުށް ސާބިތުވެގެން އުމުރަށް ޖަލަށްލީ ޑްރަގު ގެނައި ދޯނީގައި ތިބި މީހުންނެވެ. ކޯޓުން ހުކުމް ކުރީ ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ހެރޮއިން މައްސަލައިގައި ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނި ގޮތުގައި ވިސާމްއަކީ ޕާކިސްތާނާއި އިރާނުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment