5 އޮކްޓޯބަރު 2025 - 22:43 0
5 އޮކްޓޯބަރު 2025 - 22:43 0
ލިވަޕޫލް (އޮކްޓޫބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން ބްރެންޓްފޯޑް އަތުން 1-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ފަަހަތުން އަރައި އެވަޓަން އިން 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް 19 މެޗަށް ފަހު ނިމުން ގެނެސްފި އެވެ.
މި މޮޅާ އެކު، ސިޓީން ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޕެލަސް އިން މިރޭ މޮޅުވެގެން ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމާ އެކު، އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑަށް ވެސް ނިމުން އައީ އެވެ.
ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަތަރެއްގައި އޮތް ބޯންމައުތަށް ވަނީ އަށް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަަނައިގައި އޮތް ސިޓީން މި ވަނީ އަށް މެޗުން 13 ޕޮއިންޓް ހޯދައިފަ އެވެ.
ސިޓީން ފުރަތަމަ ހާފުގައި ހާލަންޑްގެ ގޯލުން ލީޑުނަގައި، ރަނގަޅަށް ޑިފެންސްކުރިއިރު، ބްރެންޓްފޯޑުން ލަނޑެއް ޖަހަން ކުރި މަސައްކަތް ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ.
އެވަޓަން ކޮޅަށް ޕެލަސްގެ ޑެނިއަލް މުނޯޒް ފުރަތަމަ ހާފުގައި ގޯލު ޖަހައި، އެ ޓީމަށް ލީޑުނަގައިދިނެވެ. އެވަޓަން އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން އެއްވަރުކުރީ މެޗުގެ 76 ވަނަ މިނިޓްގައި އިލިމަން އެންޑިއާއޭ ޖެހި ޕެނަލްޓީންނެވެ. އަދި، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި، އެވަޓަން މޮޅުވީ ޕެލަސްގެ ޑިފެންޑަރުން ހެދި ގޯހަކުން ޖެކް ގްރީލިޝް ޖެހި ގޯލުންނެވެ.
ލީގުގައި މިރޭ ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑުން 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، އެސްޓަން ވިލާ އިން ބާންލީ އަތުން މޮޅުވީ 2-1 އިންނެވެ. އަދި ބްރައިޓަން އާއި ވުލްވްސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Comment