5 އޮކްޓޯބަރު 2025 - 18:51 0
5 އޮކްޓޯބަރު 2025 - 18:51 0
ދިވެހިރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 21 ޕަސެންޓު މީހުންނަކީ ބިދޭސީ ޓީޗަރުން ކަމަށް ގައުމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަނީ 11،372 ޓީޗަރުންނެވެ. އޭގެ ތެރެއިން 8،978 ޓީޗަރުންނަކީ ދިވެހިންނެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 2،394 އެވެ.
އެހެންކަމުން، ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 79 ޕަސެންޓަކީ ދިވެހިންނެވެ. ބިދޭސީ ޓީޗަރުންގެ ޕަސެންޓޭޖަކީ 21 އެވެ.
ހިސާބުތަކަށް އިތުރަށް ބަލާއިރު ޓީޗަރުންގެ ގޮތުގައި ގިނައިން މަސައްކަތް ކުރަނީ އަންހެނުން ކަން އެނގެ އެވެ. މުޅި ޖުމުލަ ޓީޗަރުންގެ ތެރެއިން 8،832 މީހުންނަކީ އަންހެނުންނެވެ. ރާއްޖޭގައި މަސައްކަތް ކުރަނީ 2،540 ފިރިހެން ޓީޗަރުންނެވެ.
ޓީޗަރުންގެ އާބާދީގެ ތެރެއިން ބޮޑު ބައި މަސައްކަތް ކުރަނީ ވެރި ރަށް މާލެ ފިޔަވައި އެހެން ރަށްރަށުގަ އެވެ. މާލެ ނޫން ރަށްރަށުގައި މަސައްކަތް ކުރާ ޓީޗަރުންގެ އަދަދަކީ 8،005 އެވެ. މާލޭގައި މަސައްކަތް ކުރަނީ 3،367 ޓީޗަރުންނެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ޓީޗަރުން މަސައްކަތް ކުރަނީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 709 ޓީޗަރުން މަސައްކަތް ކުރެ އެވެ. އައްޑޫ އަތޮޅުގައި 676 ޓީޗަރުން މަސައްކަތް ކުރާއިރު ރ. އަތޮޅުގައި 672 ޓީޗަރުން މަސައްކަތް ކުރެ އެވެ. ޓީޗަރުން އެންމެ މަދީ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ކުރަނީ އެންމެ 84 ޓީޗަރުންނެވެ.
Comment