5 އޮކްޓޯބަރު 2025 - 12:29 0
5 އޮކްޓޯބަރު 2025 - 12:29 0
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތް ޖެނުއަރީ މަހު ތައިލެންޑުގައި ކުރިއަށްގެންދަން ނިންމައިފި އެވެ.
އެ ގޮތުން، ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. އެ ގޮތުން، މިހާރު ސާފުން ވަނީ، މެމްބަރު ގައުމުތަކަށް މި މުބާރާތް އޮންނަކަން އަންގާފައިވާ ކަމަށް "އަދަދު ސްޕޯޓްސް" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރަން ޖެހުނީ އަފްގާނިސްތާން އާއި މިޔަންމާއާ އެއް ގްރޫޕެއްގަ އެވެ. ފުޓްސަލް ވޯލްޑް ކަޕްގައި ކުޅޭ އަފްގާނިސްތާން އަތުން ރާއްޖެ 10-1 އިން ބަލިވިއިރު، މިޔަންމާ އަތުން ބަލިވީ 7-3 އިންނެވެ.
މުޅިން އަލަށް އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ކުޅުނު ބަންގްލަދޭޝް އިން ވަރުގަދަ އީރާން އަތުން 12-0 އިން ބަލިވިއިރު، މެލޭޝިއާ އަތުން ބަލިވީ 7-1 އިންނެވެ. އަދި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަތުން ބަލިވީ 8-2 އިންނެވެ.
އިންޑިއާ އިން އޭޝިއަން ފުޓްސަލްގެ ކޮލިފައިން ފުރަތަމަ މެޗުގައި ކުވެއިތު އަތުން 4-1 އިން ބަލިވިއިރު، ދެ ވަަނަ މެޗުން އޮސްޓްރޭލިއާ އަތުން ބަލިވީ 10-1 އިންނެެވެ. އަދި، ތިން ވަނަ މެޗުން އިންޑިއާ އިން ވަނީ، 3-0 އިން މޮންގޯލިއާ ބަލިކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި އިންޑިއާ އިން ހޯދި ފުރަތަމަ މޮޅެވެ.
އޭއެފްސީ ކޮލިފައިންގައި، ޕާކިސްތާންގެ މެޗުތައް މި މަހު އޮތްއިރު، ނޭޕާލާއި، ބޫޓާން އަދި ސްރީ ލަންކާ އިން ކޮލިފައިންގައި ނުކުޅެ އެވެ.
ފީފާ އިން އޮގަސްޓް 29 ވަނަ ދުވަހު އެންމެ ފަހުން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment