Advertisement

އެލްރެޑު: ފުލުހުން ބޭނުންކުރީ ދާއިމަށް މީހާ ބީރުކޮށްލެވޭ ސޮނިކް ހަތިޔާރެއް!

5 އޮކްޓޯބަރު 2025 - 14:34 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


އެލްރެޑު: ފުލުހުން ބޭނުންކުރީ ދާއިމަށް މީހާ ބީރުކޮށްލެވޭ ސޮނިކް ހަތިޔާރެއް!

5 އޮކްޓޯބަރު 2025 - 14:34 3

ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއަށްފަހު ވޭތުވެދިޔަ ދެ ދުވަހު މުޅި ރާއްޖޭގައިހެން ދެކެވެމުން ދިޔައީ އެއް ވާހަކަ އެކެވެ. ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް މުޒާހަރާއެއް ރޫޅާލުމުގެ ބޭނުމަށް ބާރު އަޑު އިއްވާ ހަތިޔާރެއް ބޭނުންކުރި ވާހަކަ އެވެ.

ނޫސްތަކުގެ ފަލަ ސުރުހީތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އިތުރުން، ކޮފީ މޭޒުތަކުގައި ވެސް މި ވާހަކަ ދަނީ ދެކެވެމުންނެވެ. އެތައް ހާސް ބަޔަކު އެއްވެފައި އޮތް މަޖީދީ މަގަށް މި އަޑު އިއްވުމުން އުނދަގޫވީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަކަށް ނޫނެވެ. އެތައް ސަތޭކަ މީޓަރަކަށް މި އަޑު ދަތުރުކުރި އެވެ.

ފުލުހުން ބޭނުންކުރީ ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) އެވެ. މިއީ 2013 ފެށިގެން ފުލުހުން އަތުގައި އޮތް ހަތިޔާރެކެވެ. ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްރެޑު ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ.

އާންމުކޮށް ބޭނުންކުރަމުން ދިޔައީ އެއްވުންތަކުގެ ބައިވެރިންނަށް އިންޒާރުދީ އިއުލާންތައް ކުރުމަށެވެ. މެދުކެނޑުމެއްނެތި އަޑުތަކެއް ނީއްވަ އެވެ.

އެ ރޭގެ މުޒާހަރާ ކަވަރު ކުރުމަށް އެ ތަނުގައި އަޅުގަނޑު ވެސް ހުރީމެވެ. 9:00 ހާއިރު މަގުމައްޗަށް ނުކުތް މުޒާހަރާގެ ބައިވެރިން ތިބީ އެސްއޯ ފުލުހުންގެ ޝީލްޑުތަކުގެ ފަހަތުގަ އެވެ. ދެކޮޅުން ވެސް ދުލެއް ނުދެ އެވެ. ދެން ފެނުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭހެން އެމްޑީޕީގެ ލީޑަޝިޕުން އައިސް ޝީލްޑުތައް ކުރިމަތީ ހުއްޓިލި ތަނެވެ. އޭރު ގަޑިން 11:00 އެވެ.

ފުރަތަމަ އަޑާއެކު މުޒާހަރާގެ ބައިވެރިންނަށް ސިހުމެއް

އެމްޑީޕީގެ ލީޑަޝިޕު ކުރިއަށް ޖެހުމަށްފަހު ގިނަ އިރުތަކެއް ނުވެ ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން ފެށި އެވެ. ފުރަތަމަ އެ އަޑު އިވުމާއެކު އެންމެނަށް ލިބުނީ ސިހުމެކެވެ. ނޫސްވެރިން ތިބި ޕިކަޕުގެ ތެރެއިން ގިނަ ބަޔަކަށް ހީވީ އެމްޑީޕީ ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވެ އަޑެއް އިވެނީ ކަމަށެވެ.

ނަމަވެސް، ފުލުހުންގެ ތެރެއިން ކުރިން ނުފެންނަ 'ސްޕީކަރެއް' ފެންނަން ފެށުމާއެކު މިކަން ސާފުވި އެވެ. އަޑު އިއްވަން ޕޯޓަބަލް އެލްރެޑު އާއެކު ފުލުހުންގެ ވެހިކަލްގައި ހަރުކޮށްފައި އިން އެލްރެޑު ވެސް ބޭނުންކުރަން ފެށި އެވެ.

ސޮނިކް ވެޕަން އޮޕަރޭޓުކުރި ފުލުސް މީހާ އަދި އަޑު ދުރަށް ފޮނުވާ ވެހިކަލް.


މި އަޑު ފުރަތަމަ ބުރު 10 ވަރަކަށް މިނެޓަށް ބޭނުންކުރި އެވެ. ކަންފަތުގައި އަތް އެޅިޔަސް، ހެޑްފޯނެއް ބޭނުންކުރިޔަސް މި އަޑު އެކީ ނުކެނޑެ އެވެ. ކަންފަތަށް އުނދަގޫ ނުވާ ހަމަ އެކަކުވެސް އެތާކު ނެތެވެ. ޕޯޓަބަލް އެލްރެޑު ހިފައިގެން ހުރި ފުލުސް އޮފިސަރު ކުރީ ސަފަށް ނުކުތުމާއެކު އަޑު އިތުރަށް ބާރުވި އެވެ.

މަދު މިނަޓު ކޮޅެއްގެ ބްރޭކަކަށްފަހު އަނެއްކާވެސް ފުލުހުން މިއަޑު ބޭނުންކުރި އެވެ. މިހެން، ތިން ބުރެއްގެ މަތިން 45 މިނެޓެއް ހާއިރު މެދުނުކެނޑި އެ ތަނުގައި އަޑު އިއްވި އެވެ. ކަންފަތަށް ތަދުވެ، ބޮލުގައި ރިއްސާ ކަމަށް އޭރު އެ ތަނުގައި ތިބި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބީރުކޮށްލުމުގެ ގާބިލުކަން ހުރި އެމެރިކާގެ އުފެއްދުމެއް

ފުލުސް އޮފިސަރު ދަބަހެއް ތެރެއަށް ލައިގެން ގެންގުޅުނު އެލްރެޑުގެ ތަފުސީލު މި ނޫހުން ވާނީ ހޯދާފަ އެވެ. މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ފުލުހުން އެ ރޭ ބޭނުންކުރީ އެމެރިކާގެ ޖެނެސިސް ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ހޭންޑް ޕޯޓަބަލް އެލްރެޑު 100x އެވެ.

މި ހަތިޔާރު ބޭނުންކޮށްގެން ފޮނުވާލާ ބާރުގަދަ އަޑު 600 މީޓަރު ނުވަތަ 1،968 ފޫޓު ދުރަށް ފޮނުވާލަ އެވެ. މީގެއިން 20 ޑެސިބަލް އިން ފެށިގެން 162 ޑެސިބަލް އާއި ހަމައަށް އަޑު ދޫކުރެވޭނެ އެވެ. މިއީ ޖެޓު އިންޖީނެއްގެ އަޑާ އެއްވަރު ބާރު އަޑެކެވެ. އެ ރޭ ފުލުހުން އަޑު ދޫކުރީ ކިހާ ބާރަކަށް ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ދެން ބޭނުންކުރި ކަމަށް ބެލެވޭ އެލްރެޑު ހަރުކޮށްފައި ހުރީ ޝީލްޑުތަކުގެ ފަހަތުގައި އޮތް ފުލުހުންގެ ވެހިކަލެއްގަ އެވެ. ބެލެވޭ ގޮތުގައި މިއީ ވެސް ޖެނެސިސްގެ އުފެއްދުމެކެވެ. ބެލެވޭ ގޮތުގައި ފުލުހުންގެ ވެހިކަލްގައި ހަރުކޮށްފައި ހުރީ މިޑް ރޭންޖް އެލްރެޑެއް ކަމަށްވާ 450XL-RT އެވެ.

ފުލުހުން ބޭނުންކުރި އެލްރެޑު އާއި އެ ތަކެތިން އަޑު ދަތުރުކުރާ ދުރުމިން ----


އެލްރެޑުން ފެންނަ ގޮތަކަށް ލިބޭ އަނިޔާއެއް ނެތް ނަމަވެސް، ނަފުސާނީ ގޮތުންނާއި މީހުންގެ އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑެވެ. މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮތް ކަމަށް ބޭރު ސިއްހީ ޖަމިއްޔާތަކުން ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ގަދަ އަޑުގެ ސަބަބުން ކަންފަތަށް ގުޑުން އަރައި، ރިންގިން އަޑެއް އިވިއިވި ހުރުމާއި ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި ނަފުސާނީ އެތައް ގެއްލުމެއް ވެސް ލިބެ އެވެ. އެ ރޭ އެތަނުގައި ތިބި ގިނަ ބަޔަކު ވަނީ މިފަދަ ކަންކަން ދިމާވި ކަމަށް ބުނެފަ އެވެ. ސޯޝަލް މީޑިއާގައި އެ ވާހަކަތައް ވަނީ ހިއްސާކޮށްފަ އެވެ.

ބޭރު ގައުމުތަކުގައި އެލްރެޑު ބޭނުންކުރުމާއި ފާޅުކޮށްފައި ހުރި ކަންބޮޑުވުންތައް

ރާއްޖޭގައި އަލަށް ބޭނުންކުރި ނަމަވެސް، އެލްރެޑު އަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ފުލުހުން ބޭނުންކޮށްފައިވާ ހަތިޔާރެކެވެ. އެމެރިކާގައި މި ހަތިޔާރު ފުރަތަމަ ބޭނުންކުރީ 2009 ވަނަ އަހަރު ޕިޓްސްބާ ގައި ބޭއްވި ޖީ-20 ސަމިޓާއި ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ރޫޅާލުމަށެވެ. އޭގެ ފަހުން އެތައް ފަހަރަކު މި ހަތިޔާރު ވަނީ ބޭނުންކޮށްފަ އެވެ.

ޕިޓްސްބާ މުޒާހަރާގެ ސަބަބުން ބީރުވި މީހަކު އެމެރިކާގެ ސަރުކާރާއި ދެކޮޅަށް ދައުވާ ވެސް ކުރި އެވެ. އެ ދައުވާ ކާމިޔާބުކުރީ މުޒާހަރާގެ ބައިވެރިޔާ އެވެ. މުޒާހަރާއަށް ހަތަރު އަހަރު ވި ފަހުން ކޯޓުން ހުކުމްކުރީ ބަދަލުގެ ގޮތުގައި 200،000 ޑޮލަރު ދިނުމަށެވެ.

އެމެރިކާގައި 2009 ވަނަ އަހަރު އެލްއާރުއޭޑީ ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ---


މީގެ އިތުރުން، ހޮންކޮންގުގެ ސަރުކާރާއި ދެކޮޅަށް 2019 ގައި ކުރި މުޒާހަރާތަކާއި ތައިލެންޑުގެ އިތުރުން ސާބިއާގައި ކުރި މި އަހަރުގެ ކުރީކޮޅު ކުރި މުޒާހަރާތަކެއްގައި ވެސް އެ ގައުމުތަކުގެ ފުލުހުން މި ހަތިޔާރު ބޭނުންކުރި އެވެ.

މިތަނުން އެންމެ ފާހަގަކޮށްލެވެނީ ސާބިއާގެ ބެލްގްރޭޑުގައި ހިނގި މުޒާހަރާ އާއި ދެކޮޅަށް މި ހަތިޔާރު ބޭނުންކުރި ހާދިސާ އެވެ. އެލްރެޑު ބޭނުންކުރުން ސާބިއާގެ ގާނޫނުތަކާއި ހިލާފު ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އެ ރޭ ބޭނުންކުރި ސޮނިކް ވެޕަންގެ ސަބަބުން ގިނަ ބަޔަކު ހާސްވެ، ސިއްހީ ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހަތިޔާރު ބޭނުންކުރީ ގާނޫނާ ހިލާފަށް

ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން، ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ. ސޮނިކް ވެޕަން ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލާފައިވޭތޯ އެހުމުން ފުލުހުންގެ މީޑިއާ ޓީމުން ބުނީ އެކަމުގެ މައުލޫމާތު ސާފުކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސޮނިކް ވެޕަންގެ ގޮތުގައި މިހާތަނަށް މުޒާހަރާއެއް ރޫޅާލުމަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެއް ނުވެ އެވެ. ކުރިން އެ ބޭނުންކުރީ އެނައުންސްމެންޓު ދިނުމަށް އެލާޓެއްގެ އެވެ.

މަޝްހޫރު ގާނޫނީ ވަކީލް ޑރ. އަހުމަދު އަލީ ސަވާދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަތިޔާރު ބޭނުން ކުރުން ލާއިންސާނީ އަދަބު މަނާކުރާ، އިންޓި ޓޯޗާ ގާނޫނާ ހިލާފު ކަމަށާއި އެއީ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަދަބެއް ކަމަށެވެ.

ބަންޑާރަ ނައިބުކަން ކުރެއްވި ސަވާދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން އަޑުގަދަ ހަތިޔާރު ބޭނުންކުރީ އެންޓި-ޓޯޗާ ގާނޫނުގެ 10، 11، 12، 14 އަދި 15 ވަނަ މާއްދާތަކުގައި ބަޔާންކުރާ 'ނަފްސާނީ' އަދި 'ރަހުމު ކުޑަ ލާއިންސާނީ އިހާނެތި އަމަލު' ނުވަތަ ޓޯޗާގެ ގޮތުގަކަން ގާނޫނުން ސާފުކޮށް ދޭހަވާ ކަމަށެވެ.

"[އެއީ] މުޒާހިރީންގެ އިތުރުން މާލޭގެ އެސަރަހައްދުގަ ދިރިއުޅޭ ކުދިބޮޑު ހުރިހާ ރައްޔިތުނަށް އާންމުކޮށް ދިން ލާއިންސާނީ ޣައިރު ގާނޫނީ އަދަބެއް،" ސަވާދު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު އަދި މީގެ ކުރިން ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވި ދިޔާނާ ސައީދު ވެސް ވަނީ ފުލުހުން އެލްރެޑު ބޭނުންކުރީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އިތުރު އެތައް ވަކީލުންނެއް މި ވާހަކަތައް ސޯޝަލް މީޑިއާގައި ތަކުރާރުކުރައްވާފައިވެ އެވެ.

އާންމުން ދިރިއުޅުމަށް އަސަރުކުރި

މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްްގައި މިފަދަ ހަތިޔާރެއް ބޭނުންކުރުމުން އާންމުންނަށް އުނދަނގުލެއް ނުވެ ނުހުންނާނެކަން އެއީ ޔަގީން ކަމެކެވެ. މި ނޫހުން ވާނީ އެ ރޭ ހަތިޔާރު ބޭނުންކުރި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންނާއި ވާހަކަދައްކާފަ އެވެ.

އެ ސަރަހައްދުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބިދޭސީއަކު ބުނީ ބާރު އަޑު ގިނައިރުތަކެއް ވަންދެން އިވުމުން ކަންފަތަށް ވަރަށް އުނދަގޫވި ކަމަށާއި މުޅި އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ގެއިން ބޭރަށް ވެސް ދެވޭ ގޮތެއް ނުވެ ތާށިވި ކަމަށެވެ.

"ވަރަށް ބާރަށް އަޑުހުރި. އުނދަގޫވެގެން ގެއިން ބޭރަށް ނިކުންނަން ވެސް ބޭނުންވި. އެކަމަކު ދެވޭނެ ގޮތެއް ނެތް. މުޅި އެ ސަރަހައްދު އޮތީ ބަންދުކޮށްފައި. ދެން އަހަރުމެން ތިބީ ގޭގައި،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ހެންވޭރު ޖެލީ ކައިރިން އިއްވަމުން ދިޔަ އަޑު، ހެންވޭރު ދަނޑު ހުރަސްކޮށް ހުޅަނގު ފަރާތުގައި ހުރި ގެތަކާއި ހަމާލަށް ވެސް އިވެމުންދިޔަ އެވެ.

އޭގެއިތުރުން މުޒާހަރާކުރި ސަރަހައްދު ކައިރީގައި ހުރި ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީއަކު ބުނީ ރޭގައި އިވުނު ބާރު އަޑު އެތަނުގައި ތިބި މީހުންނަށް ވެސް އިވިގެން އުނދަގޫވި ކަމަށެވެ.

"އެ އަޑު ވަރަށް ގަދައަށް އިވުނު. ސިޓިން ރޫމުގައި ނުހުރެވިގެން ކޮޓަރިއަށް ވަނީ. ދަރިފުޅު ނިންދަވަން ޖެހުނީ އެންމެ އެތެރެއަށް ހުންނަ ކޮޓަރީގައި. ވަރަށް އުނދަގޫވި،" އެ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހަކު ބުންޏެވެ.

-------

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. އޭގެ ދަށުން އޮތް ގާނޫނެއްގައި ކޮންމެ ގޮތަކަށް ބަޔާން ކޮށްފައި އޮތަކަސް އެއްވެ އުޅުމުގެ ހައްގު ނިގުޅައެއް ނުގަނެވޭނެ އެވެ.

ނުރުހުން ފާޅުކުރަން އެއްވާ ރައްޔިތުންނާއި ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމަކީ އެކަން ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނޫނެވެ. އަނިޔާވެރިކަން އިތުރުވާ ވަރަކަށް އެއްވާ މީހުންނާއި ލަވާ ހަޅޭކުގެ އަޑު ގަދަވުމަކީ އިންސާނީ ތާރީހުން ހެކި ލިބޭ ހަގީގަތެކެވެ.