4 އޮކްޓޯބަރު 2025 - 22:02 4
ލީވާން އަލީ ނާސިރު
ރޭ ބޭއްވި ލޫޓުވައިފި އެއްވުމުގެ ތެރެއިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
4 އޮކްޓޯބަރު 2025 - 22:02 4
ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އިއްވި ފަސް ޑިމާންޑު ނުފުއްދާނަމަ، ނޮވެމްބަރު 17، ގައި ބޮޑު މުޒާހަރާއެއް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ގައުމީ މަޖިލީސް ޖަލްސާއަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި އެ ގަރާރަށް ތާއީދު ކުރެއްވީ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ. އެ ގަރާރަށް މިހާރު ބަހުސް ކުރަމުން އަންނައިރު ހުރިހާ މެންބަރުން ވެސް ގަރާރަށް ތާއިދު ކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ގަރާރު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ނޮވެމްބަރު 17، ވަނަ ދުވަހަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ދެ އަހަރު ފުރޭ ދުވަހެވެ.
ގަރާރުގައި ވަނީ މުއިއްޒުގެ ސީދާ އެންގެވުމަށް ރޭގެ މުޒާހަރާގެ ބައިވެރިންނަށް ދިން އަނިޔާތައް ކުށްވެރިކޮށް، ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ހަ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.
އޭގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން އިގުރާރުވީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަށެވެ.
ރޭގެ މުޒާހަރާގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ފައިސާ އަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ނުކުތް އެތައް ހާސް ބަޔަކު މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.
އާޓިފިޝަލް ބީޗުން ފެށި މުޒާހަރާ ހޫނުވީ މަޖީދީ މަގުން ކުރިއަށްދާން އުޅުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުންނެވެ. އެގޮތުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކޮށްފަ އެވެ.
ރޭގެ މުޒާހަރާ އަކީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް މި ދެ އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
Comment