Advertisement

ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނީ ޕެޕާ ސްޕްރޭ ޖަހައިގެން ނޫން ކަމަށް ދައްކަން އައިޖީއެމްއެޗުން ބަޔާން ނެރެފި

4 އޮކްޓޯބަރު 2025 - 21:28 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރަސްލާނަށް ހާޓް އެޓޭކެއް ޖެހުނީ ޕެޕާ ސްޕްރޭ ޖަހައިގެން ނޫން ކަމަށް ދައްކަން އައިޖީއެމްއެޗުން ބަޔާން ނެރެފި

4 އޮކްޓޯބަރު 2025 - 21:28 0

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދާ އަންނަ މުހައްމަދު ރަސްލާންއަށް އެ ހާލަތު މެދުވެރިވީ ޕެޕާ ސްޕްރޭ ޖަހައިގެން ނޫން ކަމަށް ދައްކަން އައިޖީއެމް ހޮސްޕިޓަލުން އިނގިރޭސި ބަހާއި ދިވެހި ބަހުން ބަޔާންތަކެއް ނެރެފި އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުލުހުން ރަސްލާން އަށް އަނިޔާކުރި އެވެ. އަދި ޕެޕަސްޕޭރޭ ވެސް ޖެހި އެވެ. އޭނާ މިވަގުތު އޮތީ އައިޖީއެމްއެޗުގެ ސީސީޔޫގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކް އާންމުކޮށް ޖެހެނީ ބަލިމީހާގެ ހުންނަ އެހެން ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

"ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް، ކެއްސައި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރަސްލާންއަކީ ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވާ މީހެއް ކަމަށާއި ބައެއް ފަހަރު އޭނާ ނޭވާލުމަށް އިންހޭލަރު ވެސް ބޭނުންކުރާ ކަމަށް އަންހެނުން އަދަދު އަށް މައުލޫމާތު ދިނެވެ. އޭނާއަކީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫނެވެ.

"ޑޮކްޓަރުން އަޅުގަނޑު ކައިރިއަކު ނުބުނޭ ޕެޕާއަކުންނެއް ނޫނޭ. އެ މީހުން ބުނީ މުޒާހަރާގެ ސަރަހައްދުން ގެންދިޔައިރު ވެސް އެޓޭކް ޖެހެން ކައިރިވެފައޭ. އީސީޖީ ނެގިތަނާ ބުނީ ހާޓް އެޓޭކެކޭ ވަގުތުން ޝިފްޓް ކުރާށޭ އައިޖީއެމްއެޗަށް،" ރަސްލާންގެ އަންހެނުން އަދަދު ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ޕެޕާ ސްޕްރޭގެ އަސަރު ކުރުމުން ރަސްލާން އެއްފަރާތަކަށް ޖެހުނު ކަމަށް އޭނާގެ ކައިރީގައި އެ ވަގުތު ތިބި މީހުންނާ ހަވާލާދީ އޭނާގެ އަންހެނުން އަދަދު އަށް ބުންޏެވެ. އަދި ރެޑް ކްރޮސް އެމްބިއުލާންސަށް ލުމަށް ފަހު އޭނާ ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އެ ތަނުގައި އީސީޖީއެއް ހެދުމަށް ފަހު އޭނާ ގެންދިޔައީ ވަގުތުން އައިޖީއެމްއެޗަށެވެ.

ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ މައްސަލަތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންމަތިވެފައި އެބަހުއްޓެވެ.

އެގޮތުން، 2020 ވަނަ އަހަރު ސެލްފް ޑިފެންސް ޓްރެއިނިން ހަދަމުންދިޔަ ޒުވާނަކަށް ޕެޕާ ސްޕްރޭ ޖެހުމުން ހާޓް އެޓޭކެއް ޖެހުނެވެ. އެ ހާދިސާއާ ގުޅޭ ކޭސް ރިޕޯޓު އެމެރިކާގެ އޮސްޓިން ކްރިޓިކަލް ކެއާ ޖާނަލްގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.

2022 ވަނަ އަހަރު ކެނެޑާގެ މޮންޓްރިއަލްގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 31 އަހަރުގެ މީހަކު އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހުއްޓުވަން ޕެޕާ ސްޕްރޭ ޖެހުމުން އޭގެ އަސަރުކޮށް އޭނާ މަރުވެފައިވެ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި 2016 ވަނަ އަހަރު އުމުރުން 44 އަހަރުގެ މީހަކު ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރުމުން އޭނާއަށް ހާޓް އެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދިނެވެ. މީގެ އިތުރުން ވެސް މިފަދަ އިތުރު ކޭސްތައް ފެންމަތިވެފައިވެ އެވެ.

މު ޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ސޮނިކް ވެޕަން ވެސް ބޭނުންކުރި އެވެ. މިއީ މުޒާހަރާއެއް ރޫޅާލުމަށް ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރެވެ. ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ.