4 އޮކްޓޯބަރު 2025 - 16:36 0
އަހުމަދު އާއިދު
އެމްޑީޕީގެ ހިނގާލުމެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން އެމަނިކުފާނު ވަނީ ގޮވާލައްވާފަ ---- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
4 އޮކްޓޯބަރު 2025 - 16:36 0
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބި ހަ މީހުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ފުރިހަމައަށް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެ ހައްގު ދަމަހައްޓައި ރައްކާތެރިކުރަން ޖެހޭނެ ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.
"ސަރުކާރާއި ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި، މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެއަށް ފަހުން، ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި އެވެ. މުޒާހަރާ ރޫޅާލުމަށް ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ވަނީ ބޭނުންކޮށްފަ އެވެ.
މުޒާހަރާގެ އެންމެ ކުރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ލީޑަޝިޕްގެ ގިނަ ބަޔަކު އަދި އަތޮޅުތަކުން މާލެއަށް އައި ގިނަ އަދަދެއްގެ މީހުންނާއެކު، އެތައް ހާސް ބަޔަކު މުޒާހަރާގައި ބައިވެރިވި އެވެ.
Comment