3 އޮކްޓޯބަރު 2025 - 18:34 1
އަމަން ހަލީމް
ރަސްމީ ޔުނީފޯމު އަޅައިގެން ތިބި ކަރެކްޝަންގެ އޮފިސަރުންތަކެއް: ހުރިހާ އޮފިސަރުންނަށް އެންގީ މިއަދު ހަވީރު ހެޑްއޮފީހަށް ހާޒިރުވާން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
3 އޮކްޓޯބަރު 2025 - 18:34 1
އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ރާވާފައިވާ ދަނޑިވަޅެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓާ ހުރިހާ ޖަލެއް އެލާޓަށް ގެނެސް ހުރިހާ އޮފިސަރުން ޑިއުޓީއަށް ނެރެފި އެވެ
މިކަން އަންގާ ކަރެކްޝަނަލް ސާވިސްއިން މުވައްޒަފުން ފޮނުވި އެންގުމުގައި ވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން ހެޑް އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެލާޓު ކުރެވިގެން ދާނެ ކަމަށެވެ. މި އެންގުމުގައި އެލާޓަށް ގެންނަ ސަބަބެއް ބަޔާންކޮށްފައި ނެތެވެ.
ކަރެކްޝަންސް އެލާޓަށް ގެނައިއިރު އިސްތިސްނާ ކުރީ މާބަނޑު އޮފިސަރުންނާއި އެއް އަހަރުން ދަށުގެ ދަރިން ތިބި އަންހެން އޮފިސަރުން އެކަންޏެވެ. ބާކީ ތިބި ހުރިހާ އޮފިސަރުން ޓެކްޓިކަލް ކިޓުގައި ހެޑް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.
ޖަލުތައް އެލާޓަށް ގެނެސް ކަރެކްޝަންގެ ހުރިހާ އޮފިސަރުން ޑިއުޓީއަށް ނެރެން ނިންމިއިރު، މިރޭ އެއްވުން އޮންނަ ގަޑިއާ ދިމާކޮށް ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ މުވައްޒަފުންނާ ގުޅުވާ ތަފާތު ހަރަކާތްތައް ރާވާފަ އެވެ.
އެ ގޮތުން ބައެއް މުވައްޒަފުން ވަނީ މަސައްކަތް ކުރަން ކަމަށް ބުނެ ޑިއުޓީއަށް ވެސް ނެރެފަ އެވެ. މި ހުރިހާ ހަރަކާތެއް އިއްތިފާގު ވަނީ އެމްޑީޕީގެ އެއްވުން އޮންނަ ގަޑިއާ އެވެ.
އޭގެ އިތުރުން ފުލުހުން ވަނީ އެއްވުން ކުރިއަށްދާ ގަޑީގައި މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމާފަ އެވެ. މިކަން ކުރަނީ ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން ކަމަށް އެ އިދާރާއިން މިކަން ހާމަކޮށް ނެރުނު އިއުލާނުގައި ބަޔާންކޮށްފައި އޮތެވެ. މިހެނަސް އެއީ ކޮން އޮޕަރޭޝަނެއް ކަމެއް އަދި ކޮންކަމަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
އެމްޑީޕީގެ އެއްވުމުގެ ކުރިން ފުލުހުން ވަނީ، މި އެއްވުމުގެ ތެރެއިން މާލެ ތެރެ ހަލަބޮލިިކުރުމުގެ ހަރަކާތެއް ރާވަން އުޅޭ ކަމުގެ އިންޓެލިޖެންސް ލިބިފައިވާ ކަމަށް ބުނެ އެ ފަދަ ކަމެއް ނުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ. ފުލުހުންގެ މި ވާހަކަތަކަށް ރައްދު ދެމުން މި އެއްވުން އިންތިޒާމު ކުރާ އެމްޑީޕީން ބުނީ އެއީ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.
Comment