Advertisement

ފިޓްނެސް ސެންޓަރުތައް އަޅަނީ އެމްއޭސީއެލްގެ ބޯޑުން ފާސްނުކޮށް!

9 އޮކްޓޯބަރު 2025 - 10:40 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ފިޓްނެސް ސެންޓަރުތައް އަޅަނީ އެމްއޭސީއެލްގެ ބޯޑުން ފާސްނުކޮށް!

9 އޮކްޓޯބަރު 2025 - 10:40 1

އެއާޕޯޓް ހިންގަން އުފައްދާފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން ސަރުކާރުން ހަވާލުކުރި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ބޯޑުން އެކަން ކުރަން ނުނިންމާ އޮއްވާކަން އެނގިއްޖެ އެވެ.

އެމްއޭސީއެލްގެ ތަސައްވަރުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގުމެއް ނޯވެ އެވެ. ނަމަވެސް ސަރުކާރުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އޮގަސްޓު 19، ގަ އެވެ.

އިތުބާރުހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއާއި ގުޅޭ އެއްވެސް ނިންމުމެއް މިހާތަނަށް އެމްއޭސީއެލްގެ ބޯޑުން ނިންމާފައެއް ނުވެ އެވެ. މަޝްރޫއާއި ގުޅޭ ކަރުދާހެއް ވެސް މިހާތަނަށް ބޯޑާ ހިއްސާކޮށްފައި ނުވާކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

އާންމު އުސޫލުގެ ދަށުން މިފަދަ ބޮޑެތި މަޝްރޫއުތަކާއި ގުޅޭގޮތުން، ހާއްސަކޮށް ކުންފުނިން އާންމުކޮށް ކުރާ މަސައްކަތާއި ދުރު މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމާމެދު އެމްއޭސީއެލް އަދި އެހެން އެސްއޯއީތަކުގައި ވެސް ގޮތް ނިންމަނީ ބޯޑުންނެވެ. ބޯޑަށް މައުލޫމާތު ކަރުދާހާއި ތަފުސީލު ހިއްސާކޮށް، މަޝްވަރާ ކުރުމަށްފަހު އެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މީޑިއާ ޓީމަށާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އަށް ގުޅުމުން ރަސްމީ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް، މަޝްރޫއުގެ އަގާއި ބައެއް އެހެން ތަފުސީލުތައް ޝަރީފު ހިއްސާކުރެއްވި އެވެ.

ޝަރީފު ވިދާޅުވީ މި މަޝްރޫއަށް ޖުމްލަ ޕްރޮޖެކްޓަށް 327 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެއީ ކޮމްމެ ކޮންްމެ ރެކްރިއޭޝަން ސެންޓަރަކަށް 5.2 މިލިއަން ރުފިޔާ އެވެ.

އެމްއޭސީއެލްއަކީ އެއާޕޯޓު ހިންގާ ކުންފުންޏަށް ވާތީ، މަސައްކަތުގެ ދާއިރާއިން ބޭރުން ޕްރޮޖެކްޓަކާ ހަވާލުވުމުން ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒު ވަމުންނެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ، ކުންފުނީގެ ކޭޝް ފްލޯ ރަނގަޅު ކަމަށާއި މި ޕްރޮޖެކްޓު ހިންގަން ކުންފުންޏަށް ދައްޗެއް ނެތް ކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، ފައިނޭންްސިން ހޯދައިގެން ވެސް މަސައްކަތް ކުރުމުގެ ދައްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.