3 އޮކްޓޯބަރު 2025 - 00:08 1
އޮޑީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
3 އޮކްޓޯބަރު 2025 - 00:08 1
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގެ ފޯރިގަދަ ކުރިމަތިލުމަކުން 3-2 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗަށް ފަހު، ލީގުގެ ކުޅުން ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުތަކަށް މެދުކަނޑާލައިފަ އެވެ. އަލުން ފަށާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ލީގުގެ އެއް ވަނައިގައި އޮތް އޮޑި އާއި ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފައިދާ ގޯލަށް ބަލާއިރު، އޮޑިގެ 11 ގޯލު، މާޒިޔާގެ 10 ގޯލު އަދި ނިއުގެ އޮތީ ނުވަ ގޯލެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުުނު މެޗުގައި އޮޑިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް އެވެ. މިއީ، ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އޭރިއާތެެރެއިން، އޮޑީގެ މުޒްދާން ހަސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ވިކްޓަރީން ވަނީ 72 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ، އަލީ ޝާމިސް (ތޮއްޕޭ)ގެ ރަނގަޅު މަސައްކަތަކަށް ފަހު، އޭނާ ދިން ބޯޅައަކުން ނަޝާހު އަހުމަދު (ނައްޓު) ޖެހި ގޯލެކެވެ. ނައްޓު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަތުގައި ޖެހިފަ އެވެ.
އޮޑިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 78 ވަނަ މިނިޓްގައި، ކަރޮލިސް ޖެހި ގޯލުންނެވެ. މިއީ، އޮޑީގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ނަގައިދިން ބޯޅައެއް އޭރިއާތެރެއިން ހުސްކޮށް ހުރެ ކޮންޓްރޯލްކުރުމަށް ފަހު، ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކަރޮލިސް ޖެހި ގޯލެކެވެ. އަދި، މެޗުގެ 86 ވަނަ މިިނިޓްގައި، އައިހު ދިން ބޯޅައަކުން، އަހުޒަމް ރަޝީދު (އަހު) ވަނީ އޮޑީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.
ވިކްޓަރީގެ ދެ ވަނަ ލަނޑު ޖެހީ، ހަތަރު ވަރަކަށް އަހަރަށް ފަހު، ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީން ކެރިއަރު ފެށި ބޮކުރީ މި ލަނޑު ޖެހީ އޮވާހެޑް ކިކަކުންނެވެ.
ލީގު ދެ ހަފްތާގެ ބްރޭކަކަށް ދިޔައިރު، ހަތަރު ވަނައިގައި ބުރު ސްޕޯޓްސް ކްލަބް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ހަތް ވަނައިގައި އޮތް ވިކްޓަރީ އާއި އަށް ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނުވަ ވަނައިގައި އޮތް ކްލަބް އީގަލްސްގެ އެއް ޕޮއިންޓް އޮތްއިރު، އެންމެ ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
Comment