2 އޮކްޓޯބަރު 2025 - 11:39 0
ނޫސްވެރިންގެ ބައްދަލުވުމުގައި އޮޑީގެ ކޯޗު ގާސިއާ ވާހަކަ ދައްކަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
2 އޮކްޓޯބަރު 2025 - 11:39 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަކީ މިހާތަނަށް އޮޑި ސްޕޯޓްސް ކްލަބަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖް ކަމަށް އޮޑިގެ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ސްޕެއިނުގެ އަންދްރޭ ގާސިއާ ބުނެފި އެވެ.
ލީގުގައި މިރޭގެ މެޗަށް ފަހު، ގައުމީ ޓީމުގެ މެޗުތަކަށް، ދެ ހަފްތާގެ ބްރޭކެއް ނަގާނެ އެވެ. އެ ބްރޭކަށް ދާއިރު ލީގުގެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮޑި އަށް އެބައޮތެވެ. އެ ގޮތުން، މިރޭ ވިކްޓަރީ އަތުން މޮޅުވެއްޖެނަމަ، އޮޑި އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ވިކްޓަރީ މެޗުގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، ގާސިއާ ބުނީ، ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، އެންމެ އުނދަގޫވާނެ ކަމަސް ފެންނަނީ ވިކްޓަރީއާ ދެކޮޅަށް ނުކުންނަ މެޗު ކަމަށެވެ.
"ތެެދެއް، މިދިޔަ ދެ މެޗަށް ބަލާއިރު އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅު، ނަތީޖާ ވެސް ރަނގަޅު، އެކަމަކު، ދެން މި ކުޅެން ޖެހޭ ވިކްޓަރީ މެޗު ވަރަށް އުނދަގޫވާނެ، މިއީ މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެެލެންޖް. އެއީ، ވިކްޓަރީ އަކީ ރަނގަޅު ޓީމެއް، ފުރަތަމަ މެޗުން ބަލިވެފައި، ދެ ވަަނަ މެޗުން އައިސް މޮޅުވީ ރަނގަޅަށް ކުޅެގެން، އަހަރެެމެން ވިސްނައިގެން ކުޅެންޖެހޭނެ މެޗެއް،" ގާސިއާ ބުންޏެވެ.
އޮޑިން ފުރަތަމަ ދެ މެޗުން ވެސް މޮޅުވީ ބޮޑު ފަރަގަކުންނެވެ. ދެ މެޗުން 11 ގޯލު ޖެހިއިރު، އޮޑި ކޮޅަށް ވަނީ އެންމެ ލަނޑެކެވެ. ގާސިއާ ބުނީ، ވިކްޓަރީ އަތުން ފަރަގު ބޮޑުކޮށް މޮޅުވާނެ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެންމެ އިސްކަމެއް ދޭނީ މިހާރު މި އޮތް މޮޅުވުމުގެ ފޯމު އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ދެމެހެއްޓުމަށް ކަމަށެވެ.
ވެލެންސިއާ އަތުން 7-1 އިން އޮޑި މޮޅުވާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ވެލެންސިއާ އާއި ވިކްޓަރީގެ ތަފާތު ބޮޑު ކަަމަށް ގާސިއާ ވަނީ ބުނެފަ އެވެ. އެ ގޮތުން، ވިކްޓަރީގައި ތަޖުރިބާ އަށް ބަލާއިރު ރަނގަޅު ކުޅުންތެރިން ގިނަކަން ގާސިއާ ފާހަގަކުރި އެވެ.
"އަހަރެމެން ނުބުނާނަން ފަސޭހައިންނޭ ފުރަތަމަ ދެ މެޗުން މޮޅުވީ، އަހަރެމެން ހަނދާނެއް ނުނެތޭ. މިއީ އަލަަށް ޕްރޮމޯޓްވި ޓީމެއްކަން، އެހެންވީމަ، ލީގުގައި އޮތް ގިނަ ޓީމުތަކުގެ ތަޖުރިބާ އަހަރެމެންނަށް ވުރެން ރަނގަޅުވާނެ. އެހެންވީމަ އޮޑިން ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ޗެލެންޖް އޮންނާނެކަން ދަނެގެން،" ގާސިއާ ބުންޏެވެ.
ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން ދެ މެޗުގައި ވިކްޓަރީ އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.
ވިކްޓަރީ އާއި އޮޑިން ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Comment