މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ކުރަމުންދިޔަ ދުވަސްވަރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އަތުން ރައީސް މުހައްމަދު މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އިތުބާރު ހިފޭ ދެ މަސްދަރަކުން އަދަދު އާ ވާހަކަ ދައްކަވަމުން ބުނީ މުއިއްޒު ލޯނު ނެންގެވި އެގްރިމެންޓެއްގައި ވެސް ސޮއި ކުރެއްވުމަށްފަހު ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކިކަން އެނގިފައެއް ނުވެ އެވެ.
އެ މައްސަލައިގައި ކޮމެންޓެއް ހޯދަން މުއިއްޒުގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ގުޅުމުން ފޯނު ނުނަންގަވާތީ ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި ސިޔާމުގެ ބަހެއް ވެސް މި ލިޔުމަކަށް ނުލިބުނެވެ.
ސިޔާމުގެ އަތުން މުއިއްޒު ލޯނެއް ނެންގެވިކަން ކަށަވަރުވި އިރު، ސިޔާމުގެ ސަން އިންވެސްޓްމަންޓް އަދި ކޮޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާތަކެއް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ވަނީ ނިންމައިފަ އެވެ.
ރައީސް މުހައްމަދު މުއިއްޒާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ދެ ކުންފުންޏަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ "ވަގަށް ބޭއްވި" ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހުކުމް ކުރީ ސެޕްޓެމްބަރު 17، ގަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުމެއް އެ ދުވަހު ބާއްވާ ކަމަށް ކޯޓުން އާންމު ކުރި ޝެޑިއުލުގައި ބުނެފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ކޮށްފައިވާ ހުކުމް މިހާތަނަށް ވެސް ކޯޓުން އާންމެއް ނުކުރެ އެވެ. އެ މައްސަލަތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިކަން މި ނޫހަށް ވަނީ ދެ މަސްދަރަކުން ކަށަވަރުވެފަ އެވެ.
ސަން ކޮންސްޓްރަކްޝަން އާއި އިންވެސްޓްމެންޓްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ 1.7 މިލިއަން ޑޮލަރު ޔާމީންއަށް ދިނުމުގައި މެދުވެރިއެއްގެ ރޯލު އެ ކުންފުނިން ކުޅެފައިވާތީ އެވެ. އެ ފައިސާ ޔާމީންއަށް ދިނުމުގައި މަނީ ލޯންޑަރިންގެ ކުށަށް ފެތޭ އެތައް ކަމެއް އެ ދެ ކުންފުނިން ކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
ދަށު ކޯޓުން ނިންމީ އެ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ނިމުނު ގޮތް ހާމަކޮށްފައިނުވާތީ ދައުވާތައް ސާބިތުނުވި ސަބަބެއް އަދި ނޭނގެ އެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ވެސް އަދި ނޭނގެ އެވެ.
ސަން ސިޔާމުގެ ދެ ކުންފުންޏަކަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސިޔާމުގެ އަތުން ރައީސް މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިން ވެސް ސިޔާމުގެ އަތުން ރައީސް މުއިއްޒު ވަނީ ފައިސާ ނަންގަވައިފަ އެވެ. އެއީ މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު 2015 ވަނަ އަހަރުގެ ތެރޭގަ އެއް މިލިއަން ރުފިޔާ ނެގި މައްސަލައެކެވެ. އެކަން 2023 ގެ ރިޔާސީ އިންތިހާބުގެ ތެރެއިން ހާމަވުމުން މުއިއްޒުގެ ފަރާތުން ބުނެފައި ވަނީ އެއީ މުއިއްޒަށް ސިޔާމު ދެއްވި އެހީއެއް ކަމަށެވެ.
Comment