Advertisement

މާލެ ސިޓީގެ ބިމާ ބެހޭ މައުލޫމާތު އޮންލައިންކޮށް ލިބޭ ނިޒާމެއް ތައާރަފުކޮށްފި

1 އޮކްޓޯބަރު 2025 - 20:31 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އަދަދު


މާލެ ސިޓީގެ ބިމާ ބެހޭ މައުލޫމާތު އޮންލައިންކޮށް ލިބޭ ނިޒާމެއް ތައާރަފުކޮށްފި

1 އޮކްޓޯބަރު 2025 - 20:31 1

މާލެ ސިޓީގެ ބިންތަކާ ބެހޭ މައުލޫމާތު އޮންލައިންކޮށް ބަލައިލެވޭ ސިސްޓަމެއް މާލެ ސިޓީ ކައުންސިލުން ތައާރަފުކޮށްފި އެވެ.

އެ ސިސްޓަމް އާންމުކޮށް ތައާރަފުކުރީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ އެ ސިސްޓަމް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ގޭގެ ބޮޑުމިނާއި އެހެނިހެން މައުލޫމާތު މިހާރު ބަލައިލެވޭނެ ކަމަށެވެ، އަދި މާލޭގެ ހުސްބިންތަކާއި އެ ނޫން ވެސް ތަންތަނުގެ މައުލޫމާތުތައް އެ ސިސްޓަމް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންނަށް ބަލައިލެވޭނެ ރައްޔިތުންގެ ބިމުގެ ބޮޑުމިނާއި ބިމުގެ ހުރިހާ އެއްޗެއް އޮންލައިންކޮށް ބަލައިލެވޭނެ އެ ބޭފުޅުން މި ސިސްޓަމަށް ވަދެ ބަލައިލީމާ، އަޅުގަނޑުމެން މިއަދު ލިންކެއް ވެސް ހިއްސާ ކުރަމުން ދާނަން މި އިންފޮމޭޝަންތައް ބެލޭގޮތަށް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މާލޭގެ ބިމާ ބެހޭ މައުލޫމާތު އެ ކައުންސިލުން މީގެ ކުރިން ބަލަހައްޓަމުން އައިސްފައި ވަނީ އެއްވެސް ތަރުތީބެއް ނެތި އެކްސެލް ޝީޓުތަކެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެ ހުރިހާ މައުލޫމާތެއް އެ ސިސްޓަމަށް އެޅިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިވަގުތު ހަމައެކަނި ގޭގެ ބޮޑުމިން ފަދަ މައުލޫމާތުތައް އޭގެން ފެންނަން ހުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ގޭގެއަށް ދޫކޮށްފައި ހުންނަ ހުއްދަތަކާއި އެ ނޫން ވެސް ބައެއް މައުލޫމާތު އެ ސިސްޓަމުން ފެންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ މައުލޫމާތުތަކަކީ ޒާތީ މައުލޫމަތުތަކެއް ކަމަށް ވާތީ އެ މައުލޫމާތު ހާމަ ކުރާނީ އެ ގެއެއްގެ ވެރިފަރާތުގެ އީފާސް މެދުވެރިކޮށް ލޮގިންވުމުން އެމީހަކަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އާންމުކުރި ސިސްޓަމުގައި މާލޭގެ އެކި ބިންތައް ބޭނުންކުރެވޭ ގޮތާއި ވިލިމާލޭގެ ބިންތައް ވެސް ވަކިވަކިން ބަލައިލެވޭނެ ގޮތަށް ޑްރޯން އިމޭޖިނެރީ ބޭނުން ކޮށްގެން ވަނީ ހިމަނައިފަ އެވެ.