Advertisement

ސާފް އިން ފުޓްސަލް މުބާރާތެއް ބާއްވަނީ

1 އޮކްޓޯބަރު 2025 - 18:36 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ސާފް އިން ފުޓްސަލް މުބާރާތެއް ބާއްވަނީ

1 އޮކްޓޯބަރު 2025 - 18:36 0

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ދާދި ފަހުން، ސާފްގެ ގިނަ ގައުމުތަަކަކުން ވަނީ، އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ކުޅެފަ އެވެ. ގިނަ ޓީމުުތަކަކަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވޭއިރު، ސާފް ސަރަހައްދުގައި، ފުޓްސަލް އަށް ހާއްސަކޮށް މުބާރާތެއް ނޯވެ އެވެ.

ސާފް ސަރަހައްދުގެ ގިނަ ގައުމުތަކުން، އޭއެފްސީ ފުޓްސަލް މުބާރާތްތަކުގައި ކުޅެން ފެށީ ވެސް މީގެ އަހަރުތަކެއް ކުރިންނެވެ.

ސާފް ފުޓްސަލް މުބާރާތާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ސާފްގެ އޮފިޝަލަކު ބުނީ، ސާފް އިން ފުޓްސަލް މުބާރާތެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމާބެހޭ މައުލޫމާތު މެމްބަރު އެސޯސިއޭޝަންތަކަށް ވެސް ދީފައިވާނެ ކަމަށެވެ.

"ފަަހަރެއްގައި އަންނަ ޖެނުއަރީ މަހު ވެސް (ސާފްގެ ފުޓްސަލް މުބާރާތް) އޮވެދާނެ،" އޮފިޝަލް ބުންޏެވެ.

އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރަން ޖެހުނީ އަފްގާނިސްތާން އާއި މިޔަންމާއާ އެއް ގްރޫޕެއްގަ އެވެ. ފުޓްސަލް ވޯލްޑް ކަޕްގައި ކުޅޭ އަފްގާނިސްތާން އަތުން ރާއްޖެ 10-1 އިން ބަލިވިއިރު، މިޔަންމާ އަތުން ބަލިވީ 7-3 އިންނެވެ.

މުޅިން އަލަށް އޭއެފްސީ ފުޓްސަލް ކޮލިފައިންގައި ކުޅުނު ބަންގްލަދޭޝް އިން ވަރުގަދަ އީރާން އަތުން 12-0 އިން ބަލިވިއިރު، މެލޭޝިއާ އަތުން ބަލިވީ 7-1 އިންނެވެ. އަދި، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަތުން ބަލިވީ 8-2 އިންނެވެ.

އިންޑިއާ އިން އޭޝިއަން ފުޓްސަލްގެ ކޮލިފައިން ފުރަތަމަ މެޗުގައި ކުވެއިތު އަތުން 4-1 އިން ބަލިވިއިރު، ދެ ވަަނަ މެޗުން އޮސްޓްރޭލިއާ އަތުން ބަލިވީ 10-1 އިންނެެވެ. އަދި، ތިން ވަނަ މެޗުން އިންޑިއާ އިން ވަނީ، 3-0 އިން މޮންގޯލިއާ ބަލިކޮށްފަ އެވެ. މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި އިންޑިއާ އިން ހޯދި ފުރަތަމަ މޮޅެވެ.

އޭއެފްސީ ކޮލިފައިންގައި، ޕާކިސްތާންގެ މެޗުތައް މި މަހު އޮތްއިރު، ނޭޕާލާއި، ބޫޓާން އަދި ސްރީ ލަންކާ އިން ކޮލިފައިންގައި ނުކުޅެ އެވެ.

ފީފާ އިން އޮގަސްޓް 29 ވަނަ ދުވަހު އެންމެ ފަހުން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.