1 އޮކްޓޯބަރު 2025 - 17:11 1
އަހުމަދު އާއިދު
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، މަޖިލީހުގެ ނައިބު ރައީސް ނާޒިމް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ކ-ވ) ޕީއެންސީގެ އެހެން މަޖިލިސް މެންބަރުންނާއެކު ---- ފޮޓޯ: އަދަދު
1 އޮކްޓޯބަރު 2025 - 17:11 1
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހާމަވި އޮޑިޓު ރިޕޯޓައި ގުޅިގެން ވެރިކަންކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ މި ގަރާރު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. މާދަމާގެ ޖަލްސާ ފަށާނީ ހެދުނު 9:00 ގަ އެވެ.
އެ ގަރާރުގައި ގޮވާލާފައިވަނީ ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް، އެ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުން އަވަސްކުރުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އޮޑިޓު އޮފީހުން އާންމުކުރި މި ރިޕޯޓުގައި ތަފުސީލީ ގޮތެއްގައި، ފެނަކައިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓު ކޭބަލާއި ޖަނަރޭޓަރު ގަތުމުން ފެށިގެން ގޮސް ފެނަކައިގެ މަޝްރޫއުތައް ހިންގި ރަށްރަށުގައި، އެ މަޝްރޫއުތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ކޭޓަރިން ހިދުމަތް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުންތައް ހިމެނެ އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެ ތެރެއިން ސައީދުގެ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މެނޭޖިން ޑިރެކްޓަރު ކަމުގައި ސައީދު ހުންނެވިއިރު، ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 28، ގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމޮށްފަ އެވެ.
މި ރިޕޯޓާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިޕޯޓުތައް ނެރެމުން ދަނީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަށް ވަޒީފާގެ ބިރު ދައްކައިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ނަންގަވާފައިވާ ކަމަށާއި ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް ރައްދު ދޭނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
Comment