Advertisement

ސަލާމަތްވާން ލީގުގެ ފުރަތަމަ ބުރުގައި 12 ޕޮއިންޓް ބޭނުންވާނެ

1 އޮކްޓޯބަރު 2025 - 16:12 0


ސަލާމަތްވާން ލީގުގެ ފުރަތަމަ ބުރުގައި 12 ޕޮއިންޓް ބޭނުންވާނެ

1 އޮކްޓޯބަރު 2025 - 16:12 0

މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދެމި އޮވެ، ސަލާމަތްވުމަށްޓަކައި، ކޮންމެ ބުރެއްގައި މަދުވެގެން 12 ޕޮއިންޓް ބޭނުންވާނެ ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު، މުހައްމަދު ނަޒީހު ބުނެފި އެވެ.

ދިހަ ޓީމު ވާދަކުރާ މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދެ ބުރު ކުޅުމަށް ފަހު، އެންމެ ފުލަށް ދާ ދެ ޓީމެއް ރެލިގޭޓްވާނެ އެވެ. އަދި، އަށް ވަނަ އާއި ހަތް ވަނަ ޓީމު ކުޅެން ޖެހޭނީ، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމާ އެކު ކޮލިފިކޭޝަން ބުރެކެވެ. ކޮލިފިކޭޝަނުގެ ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ލީގުގައި ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބުން އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓީސީ ކުރީގައި އޮތް ނަމަވެސް ޔުނައިޓެޑް ވިކްޓަރީން ވަނީ ދެ ވަނަ ހާފުގައި ގޯލުތައް ޖަހައި، 4-1 އިން މޮޅުވެފަ އެވެ.

އެ މެޗަށް ފަހު، ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ، ފުރަތަމަ ހާފުގައި އެ ޓީމުން ކުޅުނީ ވަރަށް ހާސްވެގެން ކަމަށެވެ. އަދި، ފުރަތަމަ ހާފަށް ފަހު، ޓީމާ އެކު ރަނގަޅަށް ވާހަކަ ދެކެވި، ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުވި ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ.

"އަސްލު ތެދަށް ބުނަންޏާ ވީ ގޮތަކީ އަހަރެން މި މީހުން ދަނޑަށް ނެރުނީކީއެއް، އިދިކޮޅުގައި މާޒިޔާ ޓީމު އޮވެގެނެއް ނޫނޭ، ނޫނިއްޔާ ނިއު ރޭޑިއަންޓް އޮވެގެނެއް ނޫނޭ ދޫކޮށްލާފައި އައިސްފައި ޑިފެންސް މެދުތެރެއިން ފަށާކަށް، ސީދާ ބުނެފައި އޮންނާނީ ކުރިން ޕްރެސް ކުރަން ފަށާށޭ. ޕްރެސިން ފެށީމަ ނަތީޖާ ނުކުތީ،" ނަޒީހު ބުންޏެވެ.

"ފަހު ހާފުގައި އެރި ގޮތަށް ޕްރެސް ކުރީ ހަމަ ހުރިހާ ބޯޅައެއް، އެންމެ ބޯޅައެއް ފިޔަވައި ރައިޓް ސައިޑުން ފިޔަވާ ހުރިހާ އެއްޗެއް ވިންކުރި، އެއީ، މިއީ ތަންކޮޅެއް ޓެކްނިކަލީ ލޯ ޕްލޭޔަރުން ދޯ މާޒިޔާ އާއި ނިއު ރޭޑިއަންޓްގައި އެ ތިބިވަރުގެ ޓެކްނިކަލީ ރަނގަޅު ޕްލޭޔަރުންނެއް ނެތް، އެހެންވެއްޖިއްޔާ ޝޭކީ ވާނެ ދުއްވައިގަންނަ އިރަށް، އެކަން އެ ދިމާވީ،"

މި ފަހަރުގެ ލީގުގައި ދެމި އޮތުމަށް ނަޒީހު ވަނީ ހިސާބެއް ވެސް ޖަހައިފަ އެވެ. އޭނާ ބުނީ، ލީގުގައި ދެމި އޮތުމަށްޓަކައި، ކިތަންމެ ވަރަކަށް ޕޮއިންޓް ހޯދުމަށް ވެސް ޓާގެޓްތަކެއް ކަނޑައެޅިދާނެ ކަމަށާއި އެކަމަކު، މަދުވެގެން 12 ޕޮއިންޓް ކޮންމެ ބުރެއްގައި ހޯދަން ޖެހޭނެ ކަމަށެވެ.

"(ޓީސީ ކަހަލަ ޓީމުތަކާ ދެކޮޅަށް) މި ޕޮއިންޓްތައް ނުނަގައެއް ސަލާމަތެއް ނުވާނެ، މި ޕޮއިންޓްތައް ހަމަ ތިން ޕޮއިންޓް ނަގައިގެން. މިނިމަން (މަދުވެގެން) މި ބުރުން 12 ޕޮއިންޓް ނަގައިގެން، ހަމަ، ސެޓް އޭސް މެނީ އޭސް ޔޫ ކޭން ގޯލްސް ސެޓު ކުރަންވީ، އެކަމަކު، މިނިމަން ނަގަން ޖެހޭ ވަރު އެއީ 12 ޕޮއިންޓް މި ބުރުގައި، އެހެންވެއްޖިއްޔާ 24 އިންނާނެތާ ދެ ބުރުން، އެހެންވެއްޖިއްޔާ އިންނާނީ ހައެއް ނޫނީ ފަހެއްގައި، އެ ހިސާބުގައި އިންނާނީ،" ނަޒީހު ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ފުޓްބޯޅަ ޓީމު، ޔުނައިޓެޑް ވިކްޓަރީ، 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނަޒީހު 2017 ވަނަ އަހަރު އެ ޓީމާ ހަވާލުވީ ވަކި ހިސާބަކުންނެވެ. އޭގެ ފަހުން، އެ ޓީމުން ވަކިވި ނަޒީހު އަލުން އެ ޓީމާ އެކު، 2019 ވަނަ އަހަރު ވެސް ފެނުނެވެ. އަދި، ނަޒީހު މި ވަނީ މި ސީޒަނަށް އަނެއްކާ ވެސް ޔުނައިޓެޑް ވިކްޓަރީއާ ގުޅިފަ އެވެ.

އިއްޔެގެ މެޗުން ޓީސީ އަތުން މޮޅުވެ، ޔުނައިޓެޑް ވިކްޓަރީ ވަނީ ލީގުގެ ފަސް ވަނަ އަށް ވަގުުތީ ގޮތުން ޖެހިލައިފަ އެވެ. އެއީ، ތިން މެޗުން ތިން ޕޮއިންޓް ހޯދައި، ކުރިން ތިން ޕޮއިންޓް ހޯދާފައި އޮތް، ކްލަބް ވެލެންސިއާ އާއި ވިކްޓަރީ އަށް ވުރެ ލަނޑުގެ ފަރަގު ރަނގަޅުވުމުންނެވެ. އެކަމަކު، ލީގުގައި މި ހަފްތާގައި ކުޅޭ މެޗުތަކަށް ފަހު، ޔުނައިޓެޑް ވިކްޓަރީ ލީގު ތާވަލުގައި އޮތް މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި މާދަމާރޭ އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓްރީން ކުޅޭ މެޗަށް ފަހު، ގައުމީ ޓީމުގެ މެޗުތަކަށް ދެ ހަފްތާ އަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށާނީ މި މަހު 19 ވަނަ ދުވަހު އެވެ. ލީގުގައި ދެން، ޔުނައިޓެޑް ވިކްޓަރީން ކުޅޭ މެޗު އޮތީ މާޒިޔާއާ ދެކޮޅަށެވެ. އެއީ، މި މަހު 19 ވަނަ ދުވަހުގެ ރޭގަ އެވެ.