Advertisement

މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި

1 އޮކްޓޯބަރު 2025 - 07:31 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި

1 އޮކްޓޯބަރު 2025 - 07:31 1

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި، އިގުތިސާދަށާއި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުން ދާތީ ރައީސް މުހައްމަދު މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދުސްތޫރީ ނިޒާމު ގަޑުބަޑުވެ، ހައްގުތައް ގެއްލި، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިގުތިސާދު ދަށަށް ގޮސް، މުދަލުގެ އަގު އުފުލި، ކުދި ވިޔަފާރިތައް ބަނގުރޫޓުވެ، ބޭރުގެ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ޕާޓީން ބުނެ އެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތަތީވެ، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކޮށް، ސަރުކާރު ހަމަ މަގަށް އަޅުވާ، އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް، ސިޔާސީ ޕާޓީތަކާއި އެކު މަސައްކަތް ފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން އިގުރާރު ވަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ ގާނޫނުއަސާސީ ބަދަލުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނުއަސާސީއާ ހިލާފު ގާނޫނަކުން ކަސްތޮޅު އަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް ކަމަށެވެ.

އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނަގައިލި ކަމަށާއި ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުވެ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި ބާރު ކަނޑުވާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މުއިއްޒު ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ވެއްޓިފައި ވަނީ ސުނާމީ އާއި ކޮވިޑް-19ގެ އާލަމީ ވަބާއާ ވިދިގެން ނުދާ މިންވަރަށް ދަށަށް ކަމަށާއި ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް ވެސް އިންތިހާއަށް އުފުލިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގުތައް އަތްނުފޯރާފަށަށް މައްޗަށްގޮސް، ދައުލަތުން އާދައިގެ އާންމު ރައްޔިތުން އަތުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ސިޔާސީ ބޭނުމަށް ދިވެހި އިގުތިސާދުގެ ލޭނާރުކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުކޮށް، އާއިލާތަކުގެ އާންމު ދިރިއުޅުން ހުއްޓޭ ހިސާބަށް [ވަނީ] ގޮސްފައި،" ބަޔާނުގައިވެ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގެ އިގުތިސާދީ ހާލަތު މިއިން ޒަމާނަކު ނުދެކޭ މިންވަރަށް ފާގަތިވާނެ ކަމުގެ ދޮގު ވައުދުވެ، އޮޅުވާލާފައިވާ ކަމަށާއި ދިވެހި ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސިވިހާލިވެފައިވާ ކަމަށް ވެސް އަދާލަތުން ދެކެ އެވެ.

މިކަންކަމުގެ ސަބަބުން އާންމު ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލާމެދު އެއްވެސް މިންވަރެއްގެ ހަމްދަރުދީއެއް ސަރުކާރުން ނުބަހައްޓާ ކަމަށާއި ސަރުކާރުގެ ވެރިންގެ ވައްކަމާއި ހިޔާނާތާއި އަދި އިހުމާލުގެ ސަބަބުން ދިވެހީންގެ މާލިއްޔަތު އެކީ ހުސްވަމުންދާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

ޑިމޮކްރެޓިކް ގައުމުތަކުގައި އެއްވެސް އިރަކު ރައްޔިތުން ކިބައިން ނިގުޅައިނުގަނެވޭ މިނިވަން މީޑިއާއަށް މި ރާއްޖޭގައި ހަރަކާތްތެރިވާން އޮތް އެންމެހައި ދޮރުތައް ބަންދުކޮށް، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ހައްގު ވެސް ސަރުކާރުން ހިފަހައްޓަމުންދާ ކަމަށް ބަޔާނުގައި ބުނެއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާގޮތުން، ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަން އެކީއެކަށް ގެއްލިދާނެކަމުގެ ބިރު [އެބައޮތް]،" އަދާލަތުން ބުނެފައިވެ އެވެ.