30 ސެޕްޓެންބަރު 2025 - 21:16 1
އަހުމަދު އާއިދު
ސިނަމާލެ ބުރިޖަށް އަރަން ދިޔަ ސައިކަލެއް ހުއްޓުވައި ފުލުހަކު އެ ސައިކަލު ދުއްވަން އިން މީހާ އާއި ސުވާލު ކުރަނީ ---- ފޮޓޯ: އަދަދު
30 ސެޕްޓެންބަރު 2025 - 21:16 1
މާލެއިން ސިނަމާލެ ބުރިޖަށް އަރާއިރު އަދި ހުޅުލޭ ކޮޅަށް ފައިބާއިރު ހުންނަ ޓްރެފިކް ލައިޓުތައް ނުދިއްލޭތީ އާންމުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ސިނަމާލެ ބުރިޖާއި ގުޅިފައިވާ މަގުތަކާއި ބުރިޖުގެ އަދި ބުރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ދިމާލުގައި ހުންނަ ޓްރެފިކް ލައިޓުތައް މިވަގުތު ނުދިއްލޭ ކަމަށެވެ. މިއީ ޓެކްނިކަލް ކަމެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމުގެ ސަބަބުން، އަދި މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި މާލެ ސަރަހައްދަށް ވާރެ ވެހެމުންދާތީ ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ލައިޓުތަކަށް ދިމާވި މައްސަލަ ހަައްލުކުރަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ނިވިފައި ހުރި ވަގުތުތަކުގައި އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި، ޓްރެފިކް ފްލޯއަށް ބުރޫ ނާރާނެ ކަމުގެ ޔަގީން ކަން ދީފައިވެ އެވެ.
މީގެ އިތުރުން، މައްސަލަ ހައްލުވަންދެން ބުރިޖުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.
ސިނަމާލެ ބުރިޖާއި، އެ ބުރިޖާއި ހުޅުމާލެ އާއި ދެމެދު އޮންނަ ހައިވޭ އަކީ ރާއްޖޭގައި އެންމެ ގިނައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ ސަރަހައްދެވެ. ބުރިޖު އަދި ހައިވޭ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.
Comment