Advertisement

10 މިނިޓް ތެރޭ ސުހާދު ހެދި ހެޓްރިކާ އެކު ޓީސީ ބަލިކޮށް ޔޫވީ އަށް ދިރުމެއް

30 ސެޕްޓެންބަރު 2025 - 18:02 0


10 މިނިޓް ތެރޭ ސުހާދު ހެދި ހެޓްރިކާ އެކު ޓީސީ ބަލިކޮށް ޔޫވީ އަށް ދިރުމެއް

30 ސެޕްޓެންބަރު 2025 - 18:02 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، މިއަދު ހަވީރު ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ 10 މިނިޓް ތެރޭ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ 17 އަހަރުގެ ފޯވާޑް، ހުސެއިން ސުހާދު ސުހާން ހެދި ހެޓްރިކާ އެކު، އެ ޓީމުން ފަހަަތުން އަރައި، 4-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ދިރުމެއް ހޯދައިފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން، ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ވެސް ވަނީ ބަލިވެފަ އެވެ. އެހެންކަމުން، މި މެޗަށް ނުކުތްއިރު، ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އަށް ވެސް އޮތީ އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން މޮޅެއް ހޯދަން މަޖުބޫރު ހާލަތެއް ކުރިމަތިވެފަ އެވެ.

މި މެޗުން މޮޅުވެ، ޔުނައިޓެޑް ވިކްޓަރީ ވަނީ 10 ޓީމު ވާދަކުރާ ލީގުގެ ފަސް ވަނަ އަށް ވަގުުތީ ގޮތުން ޖެހިލައިފަ އެވެ. އެއީ، ތިން މެޗުން ތިން ޕޮއިންޓް ހޯދައި، ކުރިން ތިން ޕޮއިންޓް ހޯދާފައި އޮތް، ކްލަބް ވެލެންސިއާ އާއި ވިކްޓަރީ އަށް ވުރެ ލަނޑުގެ ފަރަގު ރަނގަޅުވުމުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް، ރިސްކު ނަަގައިގެން އެޓޭކުގައި ގިނަ ކުޅުންތެރިން ބައިވެރިވަމުން ނުދެ އެވެ. މި މެޗުގައި ފުރަތަމަ ލީޑުނެގީ ފުރަތަމަ ހާފުގެ 44 ވަނަ މިނިޓްގައި، އަހުމަދު ރިލްވާން (ބެން) ޖެހި ގޯލުންނެވެ. ޔުނައިޓެޑް ވިކްޓަރީގެ އޭރިއާތެރެއިން ދޫވެގެން އައި ބޯޅައެއް ބެން އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވިކްޓަރީން ކުރިއަށް ޖެހިގެން ކުޅެން ފަށައި ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން މި ހާފު ފަށައިގެން، ޔުނައިޓެޑް ވިކްޓަރީ އަށް ނަތީޖާ އަނބުރާލުމުގައި ތަފާތު ދެއްކީ ސުހާދު އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ފުރަތަަމަ އެގާރައިގައި ދެ ވަނަ މެޗުގައި ކުޅުނު ސުހާދު، ފުރަތަމަ ގޯލު ޖެހީ، 47 ވަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީގެ ޝަނާން ރަޝާދު އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު، މިސްރުގެ އަބްދުލް ހަމީދު އަތުގައި ޖެހިފައި ނުކުތް ވަގުތު އެވެ. އޭގެ ފަހުން، ޔުނައިޓެޑް ވިކްޓަރީގެ މިސްރު ފޯވާޑް، މުސްތަފާ އަލް ސާޒްލީ، މެޗުގެ 52 ވަނަ މިނިޓްގައި ޖެހި ޝޮޓް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ގޯލަށް ވައްދާލައި، ސުހާދު ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 57 ވަނަ މިނިޓްގައި، ޓީސީގެ ޑިފެންޑަރު، ހަސަން އީނާޒް ކައިރިން ނައްޓާފައި ގޮސް، ސުހާދު ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ތިން ޕޮއިންޓް ޔުނައިޓެޑް ވިކްޓަރީ އަށް ޔަގީންކޮށްދިނީ ބަދަލަކަށް ދެ ވަނަ ހާފުގައި އެރި މިޑްފީލްޑަރު، އިޝް އާފު މުހައްމަދު ފިރާގު އެވެ. ވިހި އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ މިޑްފީލްޑަރު، އިޝް އާފު މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލީގުގައި މިރޭ ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް އެވެ.