30 ސެޕްޓެންބަރު 2025 - 14:01 0
30 ސެޕްޓެންބަރު 2025 - 14:01 0
ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ ފުރަތަމަ ހަތަރު މެޗު ނިމިގެންދިޔައިރު، އެންމެ ވަރުގަދަކޮށް ފެށީ އޮޒެން ލައިފް މާދޫ އެވެ.
ސައުތު މާލެ ޒޯންގެ މެޗުތައް ކުރިއަށްދަނީ، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ދެ ގްރޫޕްގައި ތިން ޓީމު އޮތްއިރު، ފަހު ދެ ގްރޫޕުގައި ހަތަރު ޓީމު ވާދަކުރާނެ އެވެ.
މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް އޭގައި، ދި މެރީނާ އެޓް މެރީނާ ކްރޮސް ރޯޑްސް މޯލްޑިވްސް އިން 3-1 އިން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް ބަލިކުރި މެޗެވެ. މި މެޗުގައި، މެރީނާ ޓީމަށް ޝިފާޒް އާދިލް (މަޓާ ތުއްތު) ވަނީ ދެ ގޯލު ޖަހައިދީފަ އެވެ. އަނެއް ލަނޑު ޖެހީ ހަސަން ލައުހު އެެވެ. އަނަންތަރާގެ ލަނޑު ޖެހީ އަހުމަދު ހުމެއިދު އެެވެ.
ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި، ސަން ސިޔާމް އޮޅުވެލިން ވަނީ 2-0 އިން އެސްއޯ މޯލްޑިވްސް ބަލިކޮށްފަ އެވެ. މި މެޗުގައި އޮޅުވެލީގެ ލަނޑުތައް ޖެހީ އަލީ ޝިއާއު އެވެ.
މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ، ސީގެ ދެ މެޗެވެ. އެއީ، ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އާއި ސައި ލެގޫން މޯލްޑިވްސް 2-2 އިން އެއްވަރުވި މެޗާއި އޮޒެން ލައިފް މާދޫ އިން 7-1 އިން ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް ބަލިކުރި މެޗެވެ.
ވަލްޑޯފްގެ ލަނޑުތައް ޖެހީ އިބްރާހިމް ރަފާހު އާއި އަރުސަމް އިސްމާއިލް އެވެ. ސައި ލެގޫންގެ ލަނޑުތައް ޖެހީ އަލީ ފާތިހު އާއި ޝައްފާން ހަލީމް އެވެ.
މާދޫގެ ލަނޑުތައް ޖެހީ، މުހައްމަދު މާއިލް އަރީފް ހެޓްރިކެއްގެ އިތުރުން މުހައްމަދު އައްޒާމް ދެ ގޯލާއި އަބްދުﷲ އަރުސަމް އަދި އިސްމާއިލް މަދީހު އެވެ. ހޮލިޑޭ އިންގެ ހަަމައެކަނި ލަނޑު ޖެހީ އޮސްމާން ގޯނީ އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ޑީގެ ދެ މެޗެވެ. އެއީ ވެލައްސަރާއި ބޮލިފުށި ބައްދަލުކުރާ މެޗާއި ޖޭޑަބްލިއު މެރިއަޓް އާއި ފިހާޅޮހި ވާދަކުރާ މެެޗެވެ.
Comment