30 ސެޕްޓެންބަރު 2025 - 09:08 0
30 ސެޕްޓެންބަރު 2025 - 09:08 0
ދުނިޔޭގެ މޮޓޯ ސްޕޯޓްސް ޖަމިއްޔާ، އެފްއައިއޭގެ އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމެއް ބައިވެރިކުރި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.
މި އިވެންޓް ގައި ރާއްޖޭގެ ގައުމީ މޮޓޯސްޕޯޓްސް ޓީމެއް އަލަށް ބައިވެރިއިރު، ޓީމުގައި ހަ އެތުލީޓުން ޖުމްލަ ހަތަރު ކެޓަގަރީއެއްގައި ވާދަކޮށްފައިވެ އެވެ. ބޮޑު ތަޖުރިބާއެއް ހާސިލްކުރި މި މުބާރާތުގައި، ރާއްޖޭގެ ގައުމީ ޓީމަށް މެޑަލެއް ނުލިބުނު ކަމުގައި ވީ ނަމަވެސް ރޭސިން އެސޯސިއޭޝަނުން މި މުބާރާތް ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ސަބަބުތައް ބައިވަރެވެ.
“އެއްވެސް ފަރިތަ ކުރުމެއް ނުކުރެވޭ، ކުރެވޭނެ ގޮތެއް ސަރުކާރުން ފަހި ކޮށްދީފައި ނުވޭ. އަޅުގަނޑުމެން އެދުނިން ޓުރޭނިން ކޭމްޕަކަށް ބަޖެޓް ސަޕޯޓަކަށް ނަމަވެސް ލިބިފައި ނުވޭ. އެހެން ކަމުން މި ކުރެވުނު މަސައްކަތް ރަނގަޅު. 13 ޤައުމެއް ވާދަކުރި ކާޓިންގް 2 ގަޑި އިރު އެންޑިއުރަންސް އިވެންޓް ނިއްމާ ލެވުނީ 7 ވަނާއިގައި، މިއީ ފަރިތަ ކުރުން ތަކެއް ލިބުނު ނަމަ ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވޭނެ އިވެންޓެއް ކަމަށް ގަބޫލު ކުރެވޭ. އީސުޕޯޓްސް ވެސް ސެމީ ފައިނަލަށް ދެވުން އެއީ ކުރިއެރުމެއް ކަމުގައި ގަބޫލު ކުރަނީ.” ރޭސިން އެސޯސިއޭޝަންގެ ސްޕޯޓްސް ސެކްރެޓަރީ، މުހައްމަދު ހަމްދާން އައްބާސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެތުލީޓުން ވާދަކުރި ކެޓަގަރީތައް ކަމަށްވާ ޖިމްކާނާ އާއި ކާޓިން ސްލޭލަމް އިން އެދެވޭ ކާމިޔާބީއެއް ނުލިބުނުކަމުގައި ވީ ނަމަވެސް އެތުލީޓުންނާއި ރޭސިން އެސޯސިއޭޝަން އަށް ވަނީ ރަނގަޅު ތަޖުރިބާއެއް ހާސިލްކުރެވިފަ އެވެ.
ރޭސިން އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި މި އިވެންޓަށް ދާން ހަތަރު މަސް ކުރިން ސްޕޯޓްސް މިނިސްޓްރީގައި ބަޖެޓް ސަޕޯޓަކަށް އެދުނެވެ. އަދި، ބައެއް ކެޓަގަރީ ތަކަކީ ރާއްޖޭގައި ފަރިތަކުރެވޭނެ ކެޓަގަރީ ތަކަކަށް ވުމުން އެކަމަށް ފަރިތަކުރާނެ ޖާގައެއް ހަމަޖައްސައި ދިނުމަށް ވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ، މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ ސޮއި ހިމެނޭ ގޮތަށް، އެ އަށް ބާރު ދިނުމުގެ ގޮތުން، ސިޓީއެއް ދީފައިވީ ނަމަވެސް އެކަން ހަމަނުޖެހި މުބާރާތަށް ދާން ޖެހުނުކަން ރޭސިން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މި ސަބަބުތަކާ ހުރެ، މި އިވެންޓަށް ރޭސިން ޓީމަށް ދެވިދާނެތޯ ވެސް ސުވާލު އުފެދުނެވެ. އެކަމަކު، އެސޯސިއޭޝަނުގެ މަސައްކަތުން، ލޯނު އެހީ އާއި ސުޕޮންސަރުންގެ ދީލަތި އެހީން މި އިވެންޓަށް ދިއުމުގެ ކަންކަން ހަމަޖެއްސީ މިއީ ވެސް ރާއްޖެ އަށް ކުރެވިދާނެ ކަމެއްކަން ދެއްކުމުގެ ނިޔަތުގައި .ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި، އެކަށީގެންވާ އެއްބާރުލުމެއް ކަމާބެހޭ ފަރާތްތަކުން އިތުރަށް ލިބިގެން، ރަނގަޅު ސަޕޯޓަކާ އެކު ރޭސިން އިން ރަނގަޅު ކާމިޔާބީތައް ހޯދޭނެ ކަމަށް އެސޯސިއޭޝަނުން ދެކެ އެވެ.
ރޭސިން އެސޯސިއޭޝަންގެ ނައިބު ރައީސް، ޝަރުވާން ޝަރީފް ވިދާޅުވީ، ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ރޭސިން އެކަށީގެންވާ ވަރަށް ކުރިއަރައިގެން ދިއުން މަޑުޖެހިފައި އޮތް ކަމަށެވެ.
“މިއީ އަަސްލު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހަމަ އަޅުގަނޑުމެންގެ ރާއްޖެ އަށް ރީތި ނަން ހޯދައިދޭން މަސައްކަތް މި ކުރަނީ. ނަމަވެސް ސަރުކާރުން މޮޓޯ ސްޕޯޓްސް މި އޮންނަނީ ގޭންގް ކުޅިވަރަކަށް ހަދައި، ހުއްޓުވާފައި. ދެރަ މައްސަލައެއް. އަޅުގަނޑުމެންގެ ޒުވާން އެތުލީޓުންގެ ކެރިއަރު ހަލާކުވެގެން މިދަނީ ސަރުކާރުގެ ވިސްނުން ކޮށިވީމާ. އަޅުގަނޑުމެން އެސޯސިއޭޝަނުން މިކުރާ މަސައްކަތް ބޭކާރު ވިޔަ ނުދިނުމަށް އަދިވެސް ސަރުކާރަށް ގޮވާލަން،" ޝަރުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރޭސިން އެސޯސިއޭޝަންގެ މި ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، މި ކަމުގައި މަޝްވަރާ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ރިކުއެސްޓްތަކަށް އިޖާބަދީ ރޭސިން އެސޯސިއޭޝަނާ ބައްދަލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެެވެ.
Comment