Advertisement

ރޭސިން ގައުމީ ޓީމު ތާރީހުގެ ތެރެއަށް

25 ސެޕްޓެންބަރު 2025 - 10:02 0


ރޭސިން ގައުމީ ޓީމު ތާރީހުގެ ތެރެއަށް

25 ސެޕްޓެންބަރު 2025 - 10:02 0

ދުނިޔޭގެ މޮޓޯ ސްޕޯޓްސް ޖަމިއްޔާ، އެފްއައިއޭގެ އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ޓީމެއް ބައިވެރިކުރަން ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް) އިން ނިންމައިފި އެވެ.

މިއާ އެކު، ރޭސިން އެސޯސިއޭޝަނަށް ތާރީހީ ލަނޑުދަނޑިއެއް ވަނީ ހާސިލްކުރެވިފަ އެވެ. މިއީ، ފެޑެރޭޝަން އިންޓަނޭޝަނަލް ޑި އޮޓޯމޯބައިލް (އެފްއައިއޭ)ގެ ރުހުން ލިބިފައިވާ މުބާރާތެއްގައި ބައިވެރިވެ، ރާއްޖޭގެ އެތުލީޓުން ބައިނަލްއަގުވާމީ މުބާރާތެއްގައި އަމިއްލަ ގައުމު، އެސޯސިއޭޝަނެއްގެ ގޮތުގައި ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ. 

އެފްއައިއޭގެ އޭޝިއާ ޕެސިފިކް މޮޓޯ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ކުރިއަށްދަނީ ސްރީ ލަންކާގަ އެވެ.

ސިލޯން މޯޓޯ ސްޕޯޓްސް ކްލަބް (ސީއެމްއެސްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ (އެފްއައިއޭ)ގެ މި ޗެމްޕިއަންޝިޕްގެ މަގުސަދަކީ މި ސަރަޙައްދުގައި މޮޓޯ ސްޕޯޓްސް އަށް އެންމެ ގާބިލު ފަންނުވެރި ‏ރޭސް ޖަހާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް އެއްވެ، އެކުވެރި މާހައުލެއްގައި ވާދަކޮށް ހުނަރު ދައްކާލުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ. 

އެންމެ ފުރަތަމަ މި ފަދަ މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ. އެ މުބާރާތުގައި ހާސިލްވި ކާމިޔާބީ އާއި ލިބުނު ތަޖުރިބާގެ އަލީގައި ބާއްވާ މި ފަހަރުގެ މުބާރާތް ވެގެންދާނީ މި ސަރަޙައްދުގެ މޮޓޯ ސްޕޯޓްސްގެ ދާއިރާ އިން އިތުރު ފުރުސަތު ފަހިވެގެންދާނެ މުބާރާތަކަށެެވެ.

ޖުމްލަ އެކު، ހަ ޑްރައިވަރުންނާއި ފަސް އޮފިޝަލުން ހިމެނޭ ރާއްޖޭގެ ގައުމީ ރޭސިން ޓީމު އިއްޔެ ވަނީ ކޮލަމްބޯ އަށް ގޮސްފަ އެވެ. މުބާރާތުގައި ދިވެހި ޓީމުން ވާދަކުރާ ހަތަރު ކެޓަގަރީ އަކީ، ކާޓިން އެންޑިއުރަންސް، ކާޓިން ސްލަލޮމް، އޮޓޯ ޖިމްކާނާ އަދި އީ-ސްޕޯޓްސް އެވެ.

ދިވެހި އޮފިޝަލުން ވެސް ފެނިގެންދާ މި މުބާރާތުގައި ޓްރެކް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ލިބުނު ފުރުސަތަކީ ވެސް ރޭސިން އެސޯސިއޭޝަނުން ފާހަގަކުރާ ކަމެކެވެ. އެއީ، ދިވެހި އޮފިޝަލުން، އެފްއައިއޭގެ އިވެންޓެއްގައި މަސައްކަތްކޮށް، މި ފަދަ ގޮތަކަށް ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރު ކަމަށް ވުމެވެ.


 

މި ފަދަ ބައިނަލްއަގުވާމީ ބޮޑު މައިދާނެއްގައި ވާދަކޮށްލުމަށް ދިވެހި މޮޓޯ ސްޕޯޓްސް ގެ ބައިވެރިންނަށް ފުރުސަތުލިބިގެން މި ދިޔައީ ރާއްޖޭގައި މި ކުޅިވަރު ކުޅޭ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާއި، ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ގޮތުން، ރޭސިންް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ޝާމިހު، ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހުން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ސަރުކާރުން މޮޓޯ ސްޕޯޓްސް މަނާކޮށްފައިވާތީ ވަރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މި ކުޅިވަރު މުޅިން ހުއްޓިފައިވާ ޙާލަތެއްގައި، އަޅުގަނޑުމެންގެ އެތުލީޓުންނަށް މި ތާރީހީ އިވެންޓަށް ތައްޔާރު ވުމަށްޓަކައި މިހާތަނަށް، އެއްވެސް ތަމްރީނެއް ކުރިއަށް ގެންދެވިފައެއް ނުވޭ. މިއީ، ވަރަށް ހިތާމައާ އެކު ފާހަގަކުރާ ކަމެއް. އަދި މި ކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިފައެއް ނުވޭ. ނަމަވެސް ދިމާވެފައިވާ މި ދަތި ހާލަތުގައި ވެސް އަޅުގަނޑުމެންގެ އެތުލީޓުންނަށް ކާމިޔާބު ޙާސިލްކުރެވި އަމިއްލަ ޤައުމަށް ރަނގަޅު ނަތީޖާއެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." ޝާމިހު ވިދާޅުވި އެވެ.

ލަންކާގައި ކުރިއަށްދާ، މި މުބާރާތުގައި ދިވެހި މޮޓޯ ސްޕޯޓްސްގެ "އާއިލާ" ގެ ބައިވެރިވުން ދައްކުވައިދެނީ މި ކުޅިވަރަށް ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ޝައުގުވެރިކަން ކަމަށް ރޭސިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އަދި، ދިމާވި ގޮންޖެހުންތަކާ އެކު ވެސް ފަސްޖެހުމެއް ނެތި، ހިތްވަރާ އެކު ކެރިގެން ރާއްޖޭގެ ކުޅިވަރު ތާރީހުގައި ރޭސިން އެސޯސިއޭޝަނުން މި ގިރާކުރަނީ މުހިންމު ހަރުފަތެއްގެ ގޮތުގައި، އެ އެސޯސިއޭޝަނުން ދެކެ އެވެ.