29 ސެޕްޓެންބަރު 2025 - 12:36 0
29 ސެޕްޓެންބަރު 2025 - 12:36 0
ރިޔާދު، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 29) - ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް އަލް އިއްތިހާދުގެ ކޯޗުކަމުން ފްރާންސްގެ ލޯރެންޓް ބްލޮންކް ވަކިކޮށްފި އެވެ.
އިއްތިހާދުގެ ކޯޗަކަށް ބްލޮންކް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އިއްތިހާދުގެ ކޯޗަކަށް ހުރި ފުރަތަމަ ސީޒަނުގައި ބްލޮންކް ވަނީ އެ ޓީމަށް ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަމާއި ސައުދީ ކިންގްސް ކަޕްގެ ތަށި ވަނީ ހޯދައިފަ އެވެ.
އެކަމަކު، މި ފަހަރުގެ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި، އެންމެ ފަހުން ކުޅުނު މެޗުން ވަނީ އަލް ނަސްރު އަތުން 2-0 އިން ބަލިވެފަ އެވެ. އެ ނަތީޖާ އަށް ފަހު، އަލް އިއްތިހާދުގެ ބޯޑު މެމްބަރުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، ބްލޮންކް ވަޒީފާ އިން ވަކިކުރުމަށެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު، ބްލޮންކް ކެރިއަރު ފެށީ 2007 ވަނަ އަހަރު ބޯޑޯ އިންނެވެ. ތިން އަހަރު އެ ޓީމަށް ކޯޗުކޮށްދިން ބްލޮންކް، 2010 ވަނަ އަހަރު ހަވާލުވީ ފްރާންސް ގައުމީ ޓީމާ އެވެ. ފްރާންސް ދޫކޮށް، 2013 ވަނަ އަހަރު ޕީއެސްޖީއާ ހަވާލުވި ބްލޮންކް، 2016އާ ހަމައަށް އެ ޓީމަށް އިރުޝާދުދިނެވެ. އޭގެ ފަހުން، އަލް އިއްތިހާދާ ހަވާލުވުމުގެ ކުރިން، ގަތަރުގެ އަލް ރައްޔާނަށް ކޯޗުކޮށްދިނުމުގެ އިތުރުން ލިޔޯނާ ހަވާލުވެ، ހުރި އެވެ.
Comment