29 ސެޕްޓެންބަރު 2025 - 11:31 3
އަމަން ހަލީމް
ފެނަކައިގެ ކުރީގެ އެމްޑީ ޝަރީފް، އޭނާ ފެނަކައިގެ އެންމެ އިސް މަގާމާ ހަވާލުވީ ޑިސެމްބަރު 2016، ގައި --- ފޮޓޯ: އަދަދު
29 ސެޕްޓެންބަރު 2025 - 11:31 3
ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލައިގައި ހިމެނޭ އެއްބަސްވުން އެކުލަވާލިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަހުމަދު ޝަރީފަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ތަހުގީގުނުކުރި މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ސައީދަށް އިއްވި ހުކުމުގައި އިސް ގާޒީ އާދަމް މިކަން ފާހަގަކުރެއްވީ، ފެނަކައިގެ މޫނުމަތި ރަނގަޅުކުރަން ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ކޮންސަލްޓަންޓެއް ނަގަން ޖެހުނު ސަބަބާ މެދު ސުވާލު އުފައްދަވަމުންނެވެ. ހުކުމުގައި މި ނުކުތާ ގާޒީ ފާހަގަކުރެއްވީ، އެ މަސައްކަތް ކުރެވޭނެ ވަރުގެ މީޑިއާ ޑިޕާޓުމަންޓެއް ފެނަކައިގައި އޮތް ކަމަށް ދިން ހެކި ބަހަކާ ގުޅިގެންނެވެ.
މި ހެކި ބަސް ދިނީ ފެނަކައިގެ އޭރުގެ މީޑިއާ ޑިޕާޓުމަންޓުގައި އިސްކޮށް ހުންނެވި، މުހައްމަދު މަނިކެވެ. އޭނާ ކޯޓުގައި ބުނި ގޮތުގައި، ޝަރީފުގެ މޭސްތިރިކަމުގައި މި އެއްބަސްވުން އެކުލަވާލި ހިސާބުން ފެށިގެން ވެސް އެކަމުގައި އޭނާގެ ހުރި ކަންބޮޑުވުންތައް ތަކުރާރުކޮށް ފާހަގަކުރި ކަމަށެވެ.
މި ހެކިވެރިޔާ ދެއްކި ވާހަކަތަކާއި، މި އެއްބަސްވުމުގެ ބޭނުމަށް އަލިއަޅުއްވާލައްވަމުން ގާޒީ ވިދާޅުވީ، ފެނަކައިގެ މޫނުމަތި ރަނގަޅުކުރަން ޖެހޭނީ އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށްދީ، ފަސޭހަކޮށް ހިދުމަތް ލިބޭނެ ގޮތެއް އިންތިޒާމުކޮށްދީގެން ކަމަށެވެ.
"މައްސަލާގައި އެންމެ ފުރަތަަމަ ވެސް ފެނަކައިން ބްލޭޒަން އާއެކު ހަދާފައިވާ އެއްބަސްވުމުގެ މަގުސަދާމެދު ޝައްކުގެ ނަޒަރަކުން ބަލައި ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކެން،" ގާޒި ލިޔުއްވާފައި ވެ އެވެ.
ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭރު ވެސް މީޑިއާ ޑިޕާޓްމަންޓުގައި ހަތް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި ފެނަކައިން ކުރެވޭނެ މަސައްކަތެއް ކުރަން، 1.3 މިލިއަން ރުފިޔާގެ ބޮޑު އަގެއްގައި ބްލޭޒަންއަށް އައުޓްސޯސް ކުރީ ޝަރީފު ނުރަނގަޅު ނިޔަތެއްގައި ކަމަށް ގާޒީއަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
މިކަމުގައި ގާޒީ ވަނީ ޝަރީފްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރުމަށް ފަހު، ދައުވާ ނުކުރާތީ މައްސަލައަށް އަންނަ އުނިކަމެއް ކަމަށެވެ. އަދި މިކަން މިއަށް ވުރެ ރަނގަޅަށް ކުރުމުގެ ފުރުސަތު އެ ކޮމިޝަނަށާއި ޕްރޮސިކިއުޝަނަށް އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަރީފަކީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރެވެ. އޭނާ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފެށުމުގެ ކުރިން ގިނަ ދުވަހު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އޭނާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކުރީ، ޕީޕީއެމްގެ ސަރުކާރުގައި ޑިސެމްބަރު 2016 ގައި އެވެ. ޝަރީފު އެ މަގާމުން ވަކިވެވަޑައިގެންނެވީ މާޗު 2018 ގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި އެއް ދައުރު ފުރިހަމަ ކުރުމަށް ފަހު، ޝަރީފު ދެން ވަޑައިގެންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށެވެ. ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރު ނިމެންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
ބްލޭޒަން އެއްބަސްވުމުގެ މައްސަލައިގައި ޝަރީފުގެ މައްޗަށް ދައުވާ ނުކުރިޔަސް، އޭރު ފެނަކައިގެ ޕްރޮކިޔުމަންޓު ހެޑަކަށް ހުރި މަރިޔަމް ދީނާ ސާލިހަށް ދައުވާކުރި އެވެ. ނަމަވެސް އޭނާގެ މައްސަލަ ބަލަމުންދަނީ އެހެން ގަޒިއްޔާއެއްގަ އެވެ. މި މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން އާންމުކުރި ނޫސް ބަޔާނުގައި ވެސް މި އެއްބަސްވުން އެކުލަވާލި މީހުންގެ މައްސަލަ ތަހުގީގުކުރި ކަމަކަށް ނެތެވެ.
ސައީދަށް އަދަބު ލިބުނީ، ކުރީގެ މެނޭޖުމަންޓުން އެކުލަވާލި އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއް ކުރިކަން ކަށަވަރު ނުވަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ބަދަލު ދިނީމަ އެވެ. މި އެއްބަސްވުން އެކުލަވާލީ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ސައީދު ކޯޓުގައި ބުނި ނަމަވެސް، ހުކުމުގައި އޮތީ ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން ބާރު ދެނީ މަސައްކަތެއް ނުކުރާ ކަން ސައީދަށް ވެސް އެނގޭ ކަމަށެވެ.
Comment