28 ސެޕްޓެންބަރު 2025 - 17:22 0
އަހުމަދު އާއިދު
ކެނެޑާއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ވަލްޝް: މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ ---- ފޮޓޯ: ރައީސް އޮފީސް
28 ސެޕްޓެންބަރު 2025 - 17:22 0
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނާއި ގުޅޭގޮތުން ގައުމުތަކުންނާއި ބޭރުގެ ޖަމާއަތްތަކުން ގޮވާލަމުން ދަނިކޮށް، މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް ކެނެޑާއިން ވެސް ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ކެނެޑާއިން މިފަދައިން ގޮވާލީ ސްރީ ލަންކާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެސިޑެންޝަލް ސަފީރަކީ ސްރީ ލަންކާއަށް ވެސް ކަނޑައަޅާފައި ހުންނަ ސަފީރެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނާއި އެކު މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމުގެ މުހިންމުކޮށް ތަކުރާރުކޮށް ފާހަގަކޮށް ހަނދުމަކޮށްދޭ ކަމަށް ކެނެޑާގެ ހައި ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ދެ ގައުމުން އެއްބަސްވާ ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ ހައްގުތައް ނެގެހެއްޓުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ވެސް ވަނީ މިދިޔަ ހަފުތާގައި ގޮވާލައްވައިފަ އެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އެ ބިލު އަނބުރާ ގެންދިޔުމަށް ފަހު ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުށަހަޅުއްވާފަ އެވެ.
އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އުވާލަން ގޮވާލާފަ އެވެ.
މި ބަޔާންތަކަށް ރައްދު ދެއްވައި މުއިއްޒު ވަނީ، ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment