28 ސެޕްޓެންބަރު 2025 - 15:58 2
އަމަން ހަލީމް
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު: އޭނާގެ މައްޗަށް މި ނޫން މައްސަލަތަކުގައި ވެސް ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ -- ފޮޓޯ: އަދަދު
28 ސެޕްޓެންބަރު 2025 - 15:58 2
ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ދާދި ދެންމެއަކު ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ސައީދު ފެނަކައާ ހަވާލުނުވަނީސް، އެ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުން ޖެނުއަރީ 30، 2018 ގައި ހެދި އެއްބަސްވުމެކެވެ. މިއީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ.
މި މުއާމަލާތުގެ ތެރެއިން ސައީދު ގޯސް ހެދި ކަމަށް މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގަ އެވެ.
ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ބުނީ، މި އެއްބަސްވުން އެކުލަވާލަން ނިންމީ، އެއްބަސްވުމާ އެއް ގޮތަށް ބްލޭޒަންއިން ކުރި އެއްވެސް މަސައްކަތެއް ފެންނަ ލިޔުމެއް ނޫނީ ބާރުދޭ އެހެން އެއްވެސް ހެއްކެއް ނެތި ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން ސައީދު ކޯޓުގައި ބުނީ، ސެޓްލްމަންޓް އެއްބަސްވުމަކާއި ރިޓެއިނާ އެއްބަސްވުމެއްގައި ސޮއިކުރީ، ބްލޭޒަންއަށް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރެވުނީ ފެނަކައިން ލިބެން ޖެހޭ އެއްބާރުލުން ނުލިބިގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފެނަކައިގެ ވަކީލުން ގާނޫނީ ލަފާ ހޯދި ކަމަށް ވެސް އޭނާ ބުންޏެވެ.
ސައީދު ބުނި ގޮތުގައި ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމަކަށް ދާން ޖެހުނީ، އެއްބަސްވުން އުވާލައިގެން ކޯޓަށް ގޮސްފި ހާލަތެއްގައި ބްލޭޒަންއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކައަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށެވެ.
ސައީދުގެ ތަހުގީގު ބަޔާނުގައި އޭނާ ވަނީ މި އެއްބަސްވުމާ ގުޅިގެން ބްލޭޒަންގެ ވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ފަރާތުން ހުށަހަޅާ ގޮތްތަކެއް ސިޓީގެ ޒަރިއްޔާއިން ހޯދި ކަމަށް ބުނެފަ އެވެ. އަދި އެންމެ ފަހުން ސޮއިކުރި އެއްބަސްވުމަކީ ބްލޭޒަންއިން ހުށަހެޅި ދެވަނަ އޮޕްޝަންގެ އަގު ކުޑަކޮށްގެން ސޮއިކުރި އެއްބަސްވުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ސައީދު ވަނީ ދިފާއި ހެކިންގެ ގޮތުގައި އޭނާއަށް ގާނޫނީ ލަފާ ދިން ފެނަކައިގެ އޭރުގެ ލީގަލް ހެޑު އަހުމަދު އާރިފާއި އެ ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އަމްޖަދު އަހުމަދު ހުށަހަޅާފަ އެވެ. މި ދެ މީހުން ވެސް ވަނީ އެ ގޮތަށް ލަފާ ދިން ކަމަށް ކޯޓުގައި ބުނެފަ އެވެ.
މިހެން ނަމަވެސް، ގާޒީ ވަނީ މި މީހުންގެ ހެކިބަހާއި ތަހުގީގު ބަޔާންތަކާއި ކޯޓުގައި ދެއްކި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި ފުށުއެރުންތަކާއި، ހެކި ބަހުގައި ހުރި ހަމަނުޖެހޭ ވާހަކަތަކުގެ ސަބަބުން މި ދެ މީހުންގެ ހެކި ބަހާ މެދު ގާޒީ ސުވާލުއުފެއްދެވި އެވެ.
އެއްބަސްވުމައިގެން ކުރިއަށް ދާން ގާނޫނީ ލަފާ ލިބުނަސް، ފެނަކައިގެ ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ބްލޭޒަންއިން މަސައްކަތް ކުރިކަން ކަށަވަރުކުރުމަކީ ސައީދުގެ ޒިންމާއެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި ސައީދުގެ ތަހުގީގު ބަޔާނުން، ބްލޭޒަންއިން ބުނާ ބުނުން ފިޔަވައި އެއްބަސްވީ ގޮތަށް އެއްވެސް މަސައްކަތެއް ކުރާ ކަން ކަށަވަރުނުވާކަން ސާފުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment