Advertisement

ނުހައްގު މުއްސަނދިކަން ހުއްޓުވަން ހުށަހެޅި ބިލު މަޖިލީހުގައި ޕާކުކޮށްފައި އޮންނަތާ ހަތް މަސް

28 ސެޕްޓެންބަރު 2025 - 12:55 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުހައްމަދު މުއިއްޒާއި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް: ޖުޑީޝަރީ ކޮމިޓީން މިހާތަނަށް މި ބިލުގެ މަސައްކަތް ކުރީ އެންމެ ބައްދަލުވުމެއްގައި --- ފޮޓޯ: ރައީސް އޮފީސް އާއި ރައްޔިތުންގެ މަޖިލިސް


ނުހައްގު މުއްސަނދިކަން ހުއްޓުވަން ހުށަހެޅި ބިލު މަޖިލީހުގައި ޕާކުކޮށްފައި އޮންނަތާ ހަތް މަސް

28 ސެޕްޓެންބަރު 2025 - 12:55 0

ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލަން ކަމަށް ބުނެ ސަރުކާރުން ގާނޫނުލްއުގޫބާތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ އެއްވެސް މަސައްކަތް ނުކޮށް މަޖިލީހުގައި ތާށިކޮށްފައި އޮންނަތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ގާނޫނުލްއުގޫބާތުގެ ނުހައްގު މުއްސަނދިކަން ހޯދުމުގެ މާއްދާ ބަދަލުކުރުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ކޮރަޕްޝަނާއި ނުހައްދު މުއްސަނދިކަމުގެ މައްސަލަތައް ބަލައި ތަހުގީގުކުރަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިތާ ހަފުތާއެއް ފަހުން އެ ބިލު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅި ހަފުތާގެ ތެރޭގައި ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ނިންމައި، ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި އެވެ. އެ ފަހުން ޖުޑީޝަރީ ކޮމިޓީން މި ބިލުގެ މަސައްކަތް ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ މި އަހަރުގެ ފެބްރުއަރީ 17، ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ޖުޑީޝަރީ ކޮމިޓީން މި ބިލުގެ މަސައްކަތް ކުރި ހަމައެކަނި ދުވަހު ވަނީ، ކަމާ ގުޅުން ހުރި އިދާރާތައް ކަމުގައިވާ އެޓާނީ ޖެނެރަލް އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި، ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކޮށް، ބިލަށް ހިޔާލު ހޯދާފަ އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެއް ކަމަކީ، ބިލުގެ މާއްދާތައް އިބާރާތްކޮށްފައި ހުރި ގޮތުން ކުރިން ހިނގާފައި ހުރި ކަންކަމަށް މި މާއްދާތައް ތަޖުރީމުކުރެވިދާނެތޯ އޭސީސީން ފާހަގަކުރި މައްސަލަ އެވެ. މިކަމާ ގުޅިގެން އޭޖީ އޮފީހާއި ޕީޖީ އޮފީހުން ވެސް ބުނީ އެ ގާނޫނު ހިނގާނީ ތަސްދީގުކުރާ ހިސާބުން ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލުގެ ޓައިމްލައިން

  • އޮކްޓޫބަރު 31، 2024 - ގާނޫނުލްއުގޫބާތު ބަދަލުކުރާނެ ކަަމަށް މުއިއްޒު ވިދާޅުވުން
  • ނޮވެމްބަރު 4، 2024 - ރައްޔިތުންގެ މަޖިލީހުގައި ބިލުގެ ފުރަތަމަ ކިޔުން އިއްވި ޖަލްސާ
  • ނޮވެމްބަރު 5، 2024 - ބިލުގެ އިބްތިދާއީ ބަހުސް ފެށުން
  • ނޮވެމްބަރު 6، 2024 - ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުން
  • ނޮވެމްބަރު 13، 2024 - ބިލު މަޖިލީހަށް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުން
  • ފެބްރުއަރީ 17، 2025 - ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކުރަން މުއައްސަސާތަކާ ބައްދަލުކުރުން

މި ބިލު ގާނޫނަކަށް ވުމުން މިހާރު ތިބި ދައުލަތުގެ މުވައްޒަފުންނަށް އެކަނި ކަމުގައި ވަނީ ނަމަ މިއީ ގާނޫނުގެ މާއްދާތައް ބަދަލުކޮށްގެން މުއިއްޒު ހާސިލުކުރަން ބޭނުންވި ނަތީޖާ ނެރެވޭނެ ބިލެއް ނޫނެވެ. މި ބިލު ހުށަހަޅުއްވާނެ ކަމަށް އިއުލާންކުރެއްވި ޕޯސްޓުގައި، މުއިއްޒު ވިދާޅުވީ ރައީސުންނާއި ވަޒީރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތަށް ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މީހުންގެ މައްސަލަތައް ބެލޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

ނުހައްގު މުއްސަނދިކަމުގެ ކުށް ހުއްޓުވަން ސަރުކާރުން ކުރަން ފެށި މަސައްކަތް މަޖިލީހުގައި ތާށިކޮށްފައި އޮންނަތާ އެތައް ދުވަހެއް ވީއިރު، އެކި ސަރުކާރުތަކުގައި ހިޔާނާތް ހިންގައި ވަޒީފާއާ ނުބައްދަލު މުއްސަނދިކަން ހޯދާފައިވާ އެތައް ބަޔަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ މައްސަލައަކީ އާންމުންގެ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.

މިކަން ހައްލުކުރާނެ ކަމަށް އެކި ސަރުކާރުތަކުން އަޑުހަރުކޮށް ވާހަކަ ދައްކައި، މަނީ ލޯންޑަރިން އާއި ނުހައްގު މުއްސަނދިކަން ހުއްޓުވަން ގާނޫނުތައް ވުޖޫދުކޮށް، ކޮރަޕްޝަނަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް ބޭނުންވާ ނަތީޖާއެއް ނުނެރެވެ އެވެ.