28 ސެޕްޓެންބަރު 2025 - 09:52 1
ހުސްނުއް ސުއޫދު
28 ސެޕްޓެންބަރު 2025 - 09:52 1
"ޛުނޫބުގެ ކަނޑުން ސާހިލަށް ދާނަމޭ،
ދުމޫޢުގެ ކަނޑަށް ޣަރަގު ވާން ބޭނުމޭ
ސަލާމަތުގެ އައްސޭރި އަތުލާނަމޭ
ޟަލާލަތުގެ އަނދިރިން ނިކުންނާނަމޭ" – ޙަސަން ލަތީފު މޫސާ
ހެޔޮލަފާ މީހަކަށް ވުމަކީ އެކަމުގެ ސަބަބުން ތިމާ އާއި ތިމާގެ އާއިލާ އަށާއި މުޖުތަމައަށް ފައިދާވާނެ ކަމެކެވެ. ހެޔޮލަފާ މީހަކަށް ވުމަށްޓަކައި ނުވަތަ އިސްލާހުވުމަށްޓަކައި އަދި މުޖުތަމައު އިސްލާހުކުރުމަށްޓަކައި ތިމާގެ ބާރުގެ ދަށުގައި ހުރީ ނުވަތަ ތިމާއަށް އިހުތިޔާރު އޮތީ ކޮންކަންތަކެއްގެ މައްޗަށް ކަން ދެނެގަނެ އެކަންކަމުގެ މައްޗަށް ފޯކަސްކުރާށެވެ. ހަމައެއާއެކު ތިމާއަށް ބާރުނުފޯރުވޭނެ ކަންކަމަކީ ކޮބައިކަން ދެނެގެންނާށެވެ.
މިސާލަކަށް ޓެކްސީ އައުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ތިމާ ވަކި ގަޑިއަކަށް ދާންވީ ތަނަކަށް ނުދެވުމުން ރުޅި އައިސްގެން ޓެކްސީ ޑަރައިވަރާއި ދިމާއަށް ހަޅޭއްލަވައި އަޑުގަދަކޮށް، އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެކަމީ ތިމާއަށް ވެސް އެހެން މީހަކަށްވެސް އެކަމުގެ މައްޗަށް ބާރު ހިންގެން އޮތްކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ތިމާގެ އިސްކޮޅުކުރުވެގެން އެކަމާ ހިތްހަމަނުޖެހުނަސް ނޫނީ ވަކި ގައުމަކަށް ނުވިހައިގެން ކަންބޮޑުވިޔަސް އެކަމަކީ އެކަމުގެ މައްޗަށް ތިމާއަށް ބާރުފޯރުވެން އޮތް ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެހެން މީހަކު ތިބާއަށް ނުހެދޭނެއެވެ. އަދި ތިބާއަށްވެސް އެހެން މީހަކަށް ނުވެވޭނެއެވެ. ތިމާއަށް ބަދަލުނުކުރެވޭނެ ކަންކަމުގެ މައްޗަށް ކަންބޮޑުވެ، ފިކުރުކޮށް، އެކަމަށް ވަގުތު ހޭދަކުރުމަކީ ބޭކާރު ކަމެކެވެ.
ބައެއް މީހުން ގަބޫލުކުރަނީ އެމީހަކު ދުނިޔެއަށް ފޮނުއްވާފައިވަނީ އެމީހެއްގެ ހަޔާތުގެ މައްޗަށް ތަގުދީރުން ގޮތްތަކެއް ކަނޑައެޅުއްވުމަށްފަހުގައި ކަމަށެވެ. އޭނާއަށް އެއްވެސް އިހުތިޔާރެއް ނެތް ކަމަށެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންނަކީ ކޯރުގައި އޮއި ހުރި ކޮޅަކަށް ކޯރުގެ އޮޔާއެއްކޮށް ދެމެމުންދާ ކުނިތަކުގެ މިސާލުގައި ހަޔާތް ވެއަތުކުރާ ބައެއް ކަމަށެވެ. އެއްވެސް މަންޒިލެއް މަގްސޫދެއް ނެތި ތަގުދީރުގައި ހުރި ބާރަކުން އެމީހާއަށް ވާއެއްޗެއް ވަނީއެވެ. އެފަދަ މީހުން ގަބޫލުކުރާ ގޮތުގައި ތިމާ ކުށްކުރަނީވެސް އެއީ ތަގުދީރުގައި ތިމާއަށް ލިޔެވިފައިވާ ގޮތް ކަމަށްވާތީއެވެ. ތިމާއަކީ ފަގީރަކު ކަމަށް ވެފައިވަނީވެސް ތަގުދީރުގައި ލިޔެވިފައިވާ ގޮތް ކަމަށް ވާތީއެވެ. އެގޮތަށް ގަބޫލުކުރާ މީހުންނަށް ތިމާގެ އުޅުމާއި ގުޅުން، އަދި ތިމާގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމުގެ އިޚްތިޔާރެއް ނެތްކަމަށް ގަބޫލުކޮށްގެން ދެއަތް އުރައިގެން ތިބޭތަން ފެނެއެވެ.
ޖިނާއީ ބޮޑުކުށެއްގެ ތުހުމަތު އުފުލިފައިވާ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުން އަހުރެން މަސައްކަތް ކުރި ދުވަހެކެވެ. މުވައްކިލު އެދުނީ އޭނާ ކުށްކުރީ (މީހެއްގެ ގަޔަށް ވަޅިހެރީ) އެކަމަކީ އޭނާގެ އިހުތިޔާރުން ކުރިކަމެއް ނޫން ކަމަށާއި އެއީ އޭނާއަށް ތަގުދީރުގައި ލިޔެވިފައިވާ ގޮތް ކަމަށެވެ. ތަގުދީރު ބަދަލުކުރުމުގެ އިހުތިޔާރު އޭނާއަށް ނެތް ކަމަށެވެ. ވީމާ އޭނާ އެދުނީ އެ ދިފާއު ކޯޓުގައި ނަގައި ދިނުމަށެވެ. އަހުރެން އޭނާ ގާތުގައި ބުނީ އެއީ ނެގޭނެ ދިފާއެއް ނޫން ކަމަށެވެ. އަދި ގިޔާމަތް ދުވަހުވެސް އެ ދިފާއު ނުނެގޭނެ ކަމަށެވެ. ސަބަބަކީ ވަޅިޖެހުމާއި ނުޖެހުމަކީ އޭނާއަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށްވާތީއެވެ.
މީހުން ކުށްކުރަނީ ނުވަތަ ނުބައި ނުލަފާ މީހަކަށްވަނީ އެކަމުގެ މައްޗަށް ތިމާއަށް އިހުތިޔާރެއް ނެތިގެނެއް ނޫނެވެ. ކުށްކުރާ މީހަކަށް ވުމަކީ ނުވަތަ ނުބައި މީހަކަށް ވުމަކީ ތިމާއަށް ތަގުދީރުގައި ހުރި ގޮތް ކަމަށް ގަބޫލުކޮށް އެކަންކަން ބަދަލުކޮށް ހެޔޮލަފާ މީހަކަށް ވާން މަސައްކަތް ނުކޮށް އަތް އުރައިގެން ކުށްކުރުން މަތީގައި އެތިބެނީ އަމިއްލަ އިހުތިޔާރުގައެވެ.
ފެނަކައިގެ ނުވަތަ އެޗްޑީސީގެ މެނެޖިން ޑައިރެކްޓަރުކަން ލިބުމުން ވައްކަން ކުރާނީތޯ ނުވަތަ ހިޔާނާތްތެރިވާނީތޯ އެއީ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެކެވެ. އެތަނުގައި ހުރެގެން ވައްކަން ކުރަން މަޖުބޫރުވާނަމަ އެ ވަޒީފާ ދޫކޮށް ކަންނެލި އޮޑިއެއްގައި ބަޔާކާއެކު މަހަށް ދިއުމަށް އިހުތިޔާރު ކުރުމަކީ ކުރެވެން އޮތް ކަމެކެވެ.
ތިބާ ދުނިޔެއަށް ފޮނުވީ އެޗްޑީސީގެ ނުވަތަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކު ކަމުގައި ހުންނާކަށް ނޫނެވެ. އެހެން މަސައްކަތެއް ކޮށްގެން ހަލާލު ރިޒުގު ހޯދުމަކީ ތބާގެ އިހުތިޔާރުގައި އޮތް ކަމެކެވެ. ތިމާގެ މިނިވަންކަމާއި އަމިއްލަ އިހުތިޔާރު ދޫކޮށްލައި، ތިމާގެ އަބުރާއި ކަރާމާތް ކުނި ގޮނޑަށް އެއްލާލައި، މީހުން ބުނާހާ ގޮތަކަށް ކަންކަން ކޮށްދީގެން ބައެއްގެ ނުފޫޒުގެ ދަށުގައި ދައުލަތުގެ މަގާމެއްގައި ހުރުމާއި ނުހުރުމަކީ ތިބާގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެކެވެ. އެގޮތަށް ލިބޭ ހަރާމް ފައިސާއިން އަމިއްލަ ދަރިންނަށް ކާންދިނުމާއި ނުދިނުމަކީ ތިމާގެ އިހުތިޔާރުގައި އޮތް ކަމެކެވެ.
ތިބާ ދުނިޔެއަށް ފޮނުއްވީ މަޖިލީހުގެ މެންބަރުކަމުގައި ނުވަތަ ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ކޮންމެހެން ހުންނާކަށް ނޫނެވެ. ނުވަތަ ފަނޑިޔާރެއްގެ ގޮތުގައި ހުންނާކަށް ނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އިތުރު ކަންކަން ކުރާނޭ ގާބިލުކަމާއި ފަންނުވެރިކަން ހުންނާނެއެވެ. ގާބިލުކަން ހޯދޭނެއެވެ. ވައްކަން ކުރަން ޖެހޭ ގޮތަށް އަދި މީސްމީހުންނަށް އަނިޔާވެރިވާން މަގާމުތަކުގެ އެ ތިބެނީ އަމިއްލަ ނަފުސުގައި ހުރި ނުލަފާކަމަކުންނެވެ. އެކަން ބަދަލުކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް އޮންނާނެއެވެ. އެއީ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތްކަމަށް ބުނެ މަހްޝަރުގެ މައިދާނުގައި ދިފާއެއް ނުނެގޭނެއެވެ.
ކޮންމެ ދުވަހަކު މިކަންކަމުގެ މައްޗަށް ފިކުރުކޮށް ކެތްތެރިވެ އެމީހެއްގެ ކޮންޓްރޯލް އޮތްކަންކަން ބަދަލުކުރުމަށް ފޯކަސްކޮށް އެކަމަށް ވަގުތު ހޭދަކުރުމުން މެނުވީ އުފާވެރި މީހަކަށް ނުވެވޭނެއެވެ. މީހުން ނާކާމިޔާބުވާ އެއް ސަބަބަކީ ތިމާއަށް އެކަންކަމުގެ މައްޗަށް ކޮންޓްރޯލް ނެތް ކަންކަމާމެދު ފިކުރުކޮށް އެކަމުގައި ވަގުތު ބޭކާރުކުރާތީއެވެ.
Comment